މިހާރު ރާއްޖޭގައި ފެތުރެމުންދާ ރޯގާއާ ގުޅިގެން، އިންފްލުއެންޒާ ވެކްސިން ދޭ ގްރޫޕުތައް އިތުރުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ އިންފްލުއެންޒާ ވެކްސިން ދިނުން މާބަނޑު މީހުންނަށާއި އެކި ސަބަބުތަކާ ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ މީހުންނާއި ކެންސަރު ބައްޔަށް ފަރުވާހޯދަމުންދާ މީހުންނާއި ކެންސަރު ބައްޔަށް ފަރުވާ ފުރިހަމަކޮށްފައިވާ މީހުންގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާހޯދަމުންދާ އުމުރުން ތިން އަހަރުން މަތީގެ މީހުންނާއި ޑައިލަސިސް ހަދަމުންދާ ފަރާތްތަކާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.
ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ ތަންތަނުގައި މި ފަރާތްތަކަށް ވެކްސިން ދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
އެގޮތުން ދަމަނަވެށިން މެންދުރު 02:00 އިން 04:00 ވެކްސިން ދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ އިރު އޭޑީކޭ އިން 03:00 އިން ރޭގަނޑު 09:00 ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މާބަނޑު މީހުންނަށް އައިޖީއެމްޗުން ވެސް ކޮންމެ ދުވަހު ވެކްސިން ޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިހުރިހާ ތަނަކުން ވެސް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައި ވެކްސިން ދިނުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން، އިންފްލުއެންޒާ އެޗްވަންއެންވަން ފެތުރެމުންދާ އިރު މިހާތަނަށް މި ބަލީގައި ތިން މީހުން ވަނީ މަރުވެފަ އެވެ.
އެޗްޕީއޭ އިން ވަނީ މި ބައްޔަކީ ވެސް އާއްމުކޮށް މިއުޅޭ ފަދަ ފްލޫއަކަށް ވުމާ އެކު އެބައްޔަށް ފަރުވާ ހޯދުމުގައި ބޮޑުވަރު ނުވާ މީހުން ކޮންމެހެން ފްލޫ ކްލިނިކްތަކަށް ނުދިއުމަށް އެދިފަ އެވެ. އެގޮތުން ހާލު ދެރަނުވާ ހާލަތުގައި ފްލޫ ކްލިނަކަށް ދިއުމުން، ބަލި ޖެހިފައިވާ މީހުންގެ ފަރާތުން އިންފްލުއެންޒާ ޖެހުމަށް އޮތް ފުރުސަތު ބޮޑުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ވަނީ އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ މީހުން ރަގަޅުވެފައިވާކަން ފާހަގަކޮށްފަ އެވެ.
ރާއްޖޭގައި ފެތުރެމުންދާ ރޯގާއާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކަށް މި ބަލިޖެހެމުންދާ އިރު ބަލިން ރައްކާތެރި ވުމަށްޓަކައި މީހުން ގިނައިން އުޅޭ ސަރަހައްދުތަކަށް ނުދިއުމަށާއި، ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ގިނަގިނައިން ދިޔާ އެއްޗެހި ބުއި މަށާއި، ހުން ގަދަވާ ނަމަ ހަށިގަނޑުގައި ފެން ހޭކުމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ.