ދިވެހިރާއްޖެއަކީ މުޅިންހެން ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާންޖެހޭ ޤައުމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޔަޢީން ކަށަވަރުކަމަކީ ކޮންމެ ގެއެއްގެ ސުފުރާ މަތިންވެސް، ބޭރުން އެތެރެކުރާ ބާވަތެއްގެ ކާނާއެއް ނުހިމަނާ ކާނެ އެއްޗެއް ނުހުންނަ ކަމެވެ. ދިވެހިރާއްޖެއަކީ ހަކަތައަށް (ތެލާއި ގޭސް) ކުރާ ޚަރަދާއި ދާދި އެއްވަރަކަށް ކާބޯތަކެތި އެތެރެކުރަން ޚަރަދުކުރާ ޤައުމެކެވެ. ސުވާލަކީ މިއީ ހަމަ މިކަން އޮންނަން ޖެހޭ ގޮތްތޯއެވެ؟ ހަމަ އެއްވެސް ޙައްލެއް ނެތީތޯއެވެ؟
ސަރުކާރެއްގެ އެންމެ މުހިންމު އެއް ކަމަކަށް ވާން ޖެހޭނީ އެ ސަރުކާރަކަށް ބަލަދު އަރާފައިވާ ހުރިހާ ރައްޔިތުންގެ ކާބޯތަކެތި ކަށަވަރު ކޮށްދިނުމެވެ. ނަމަވެސް، އެއްވެސް ސަރުކާރަކުން މިކަމަކަށް މާބޮޑު އިސްކަމެއް ދޭތަނެއް ނުފެނެއެވެ. މިހެން މިދަންނަވަނީ ޒަރޫރީ ބޭނުންތަކަށް އެތެރެކުރާ ކާބޯތަކެތިން ޑިއުޓީ ކަނޑާނުލާތީއެއް ނޫނެވެ. އެކަން ހަމަ ކޮންމެ ސަރުކާރަކުން ވެސް ކުރެއެވެ. ބައެއް ފަހަރު ވާދައަށް ކުރާހެންވެސް ހީވެއެވެ. މައްސަލައަކީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފައްދަން، ޚާއްޞަކޮށް ދަނޑުވެރިކަން ކުރިއަރުވަން ހަޤީޤަތުގައި ކުރަންޖެހޭ ވަރުގެ މަސައްކަތެއް ނުކުރުމެވެ.
ފަޅު ރަަށްތަކަށް ބަލާއިރު ސަތޭކައިން ފަޅުރަށް އެބަހުއްޓެވެ. ޒަމާނަށް ބަލާއިރު، ރާއްޖެ ކަހަލަ ޤައުމެއްގައި ވެސް މިކަން ފެންވަރުގައި ކުރެވޭނެ ވަރުގެ ޓެކްނޮލިޖީވެސް އެބަހުއްޓެވެ. ޒަމާނީ ދަނޑުވެރިކަމަކީ ކޮންމެހެން ޖާގަ ބޮޑުވެގެން ނޫނީ ބިމުގެ ސައިޒު ބޮޑުވެގެން ކުރާ ކަމެއް ނޫންކަން، އަބަދުވެސް މިސާލަކަށް މިނަގާ ސިންގަޕޫރާއި، ޔޫރަަޕުގެ އެންމެ ކުޑަ އެއް ޤައުމު ކަމުގައިވާ ނެދަރލޭންޑްސްއިން ވަނީ ދުނިޔެއަށް ދައްކުވައިދީފައެވެ. ދިވެހިރާއްޖެ މިސާލަކަށް ނަގަންވީ މިވެރިން ދަނޑުވެރިކަން ކުރާގޮތެވެ. ބޭނުންކުރާ އުކުޅުތަކާއި އާލަތްތަކެވެ.
ޔަޤީނުންވެސް މިބުނާ ފަޅު ރަށްތަކުގައި ޒަމާނީ ދަނޑުވެރިކަން ކުރެވިއްޖެނަމަ، ދިވެހިންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް ދެވޭނެ ކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަމެވެ. ފަށައިގަންނައިރު ޚަރަދުވެސް ބޮޑުވާނެއެވެ. ކުރަންޖެހޭ އިންވެސްޓްމަންޓްވެސް ބޮޑުވާނެއެވެ. ނަމަވެސް، ނިކުންނަ ނަތީޖާ ވަރަށް ފުރިހަމައެވެ. ވާނެ ފައިދާއަކީ ހަމައެކަނި ކާބޯތަކެތީގެ ރައްކާތެރިކަން ލިބިގެން ދިއުމެއް ނޫނެވެ. ކާބޯތަކެތި ގަންނަން ޑޮލަރުގެ ގޮތުގައި ރާއްޖެއިން ބޭރުވާ އެތައް ފައިސާއެއްވެސް ސަލާމަތްވާނެއެވެ. ޤައުމުގެ އިޤުތިޞާދުވެސް ބޮޑުތަނުން ހަރުދަނާ ވެގެން ދާނެއެވެ. ބޭރުގެ ޤައުމަކުން ދައްކާ ބިރަކަށް ސިހޭކަށް ނުޖެހޭނެއެވެ. މިއީ ޤައުމުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ވިސްނާލަން ބުއްދިވެރި ކަމެކެވެ.