ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފޯކައިދޫ އާއި ޓީސީ ސްޕޯޓްސް ކްލަބުން ބައްދަލުކުރި މެޗު ޓީސީއިން ކާމިޔާބުކޮށްފިއެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޓީސީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފުގަ ޓީސީ ކުޅުންތެރިން ވަނީ ފޯކައިދޫގެ ހާފަށް ބާރު ބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގަ އިސްމާއީލް އީސަ (މެސީ) ތަނަވަސްކޮށްދިން ފުރުޞަތުގައި ޓީސީގެ އިބްރާހީމް އަތީގް ހަސަން ފޮނުވާލި ބޯޅަ ފޯކައިދޫގެ ކީޕަރު ވަނީ ހުޝިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ. އަދި މެޗުގެ 18 ވަނަ މިނެޓުގައި އިޝާން އިބްރާހީމް (ސައްޓު) އަށް ވަނީ ލަނޑުޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ހުސްކޮށް ހުރެ ފޮނުވައިލި ބޯޅަ ފޯކައިދޫގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ޓީސީ އިން ވަނީ ގިނަ ހަމަލާތަކެއް ފޯކައިދޫގެ ގޯލަށް ފޮނުވާލާފައެވެ. އެގޮތުން މި ހާފުގަ ޓީސީގެ މުހައްމަދު އައްޒާމްއަށް ހުސް ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ 78 ވަނަ މިނެޓުގައި ޓީސީގެ ސައްޓު ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ފޯކައިދޫގެ ގޯލު ދަނޑިއަށެވެ. މި މެޗުގެ 87 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރ މުޙައްމަދު އަޖުފާނެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޓީސީގެ ކޯޗު ޝާޒްލީ ބުނީ މެޗުގަ ޓީސީގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭކަމަށާއި ލިބުނު ތިން ޕޮއިންޓަކީ މުހިންމު ތިން ޕޮއިންޓު ކަމަށެވެ.
މެޗުން ބަލިވި ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ވަނީ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެނާ ބުނީ ބަޔަކު ޗުއްޓީގަ ތިބިގެން ލީގު ނުހިންގޭނެ ކަމަށެވެ.