ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާގޮތުންނަމަ، ސަރވިސް ޗާޖަކީ ވަޒީފާދޭ ފަރާތުގެ ހައްގެއް ނޫނެވެ. އެއީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފެއްގެ ހައްގެކެވެ. އެއީ ރިސޯޓަކަށް ވިޔަސް ނޫނީ ރެސްޓޯރަންޓަކަށް ވިޔަސް، ސަރވިސް ޗާޖެއް ނަގާނަމަ އެއީ އެ ނަގާ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގެކެވެ. ގާނޫނު ވަރަށް ސާފެެވެ.
އެގޮތުން ވަޒީފާއާބެހޭ ގާނޫނޫ (2/2008) ގެ 51 މާއްދާގެ (ހ) ގައި ވަނީ، "ވަޒީފާދޭ ފަރާތަށް ހިދްމަތް ލިބިގަންނަ ފަރާތަކުން އެއްވެސް ސަރވިސް ޗާޖެއް ނަގާނަމަ، ފާއިތުވެފައިވާ މަހު ލިބުނު ފައިސާ ނުވަތަ އެ ފައިސާއިން މިމާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ވަޒީފާދޭ ފަރާތަށް ނަގާ އިދާރީ ފީ ކެނޑުމަށްފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އޭނޭގެ މުވައްޒަފުންނަށް ބަހައި ނިންމަންވާނެއެވެ." މި މާއްދާގައި އެ އިޝާރާތްކުރާ އިދާރީ ފީއެއްގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ނެގެނީ މުޅި ޖުމްލަ ސަރވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ އެންމެ އިންސައްތައެކެވެ. އެއީ ވަޒީފާދޭ ފަރާތަށް އެންމެ ގިނައިން ނެގޭނެ އަދަދުކަންވެސް ފާހަގަކޮށްލަންޖެހެއެވެ. ގާނޫނުގައި ލިޔެފައިވާ އެއްޗެއް ސާފެއް ނޫންތޯއެވެ؟
ނަމަވެސް ހިތާމަޔަކީ، މިހާ ރީއްޗަށް ގާނޫނެއްގައި ބަޔާންކޮށް، އެ ގާނޫނެއް ފާސްކުރެވި، ތަސްދީގުކުރެވި، ކަޅާ ހުދުން ލިޔެ ޝާއިއުކުރެވި، އެ ގާނޫނަކަށް އަމަލުކުރަން ލާޒިމްކުރާ ހާލު، މިކަންކަން އޮޅުވާލަން ބަޔަކު މަސައްކަތްކުރާ ކަމެވެ. އެއީ މުވައްޒަފުންގެ އެކަނި ހައްގެއްގެ ގޮތުގައި ނޫންކަމަށް ބުނެ، ދޭން ލާޒިމްކުރާ އެއްޗެއް މުވައްޒަފުންނަށް ދޭން އުޒުރުވެރިވާ ކަމެވެ. ދެރަވަރެވެ.
ވަރުވަރުން ވިޔަފާރިވެރިން މިބުނާ ސަރވިސް ޗާޖެއް ނުދޭން ބަހަނާތައް ދައްކާއިރު، ދައްކާނެ އެއްވެސް ބަހަނާއެއް ނެތެވެ. މިއީ މުވައްޒަފުންގެ ހައްގެކެވެ. އެކަމާ ޖަދަލުކޮށް، އެޔަށް ބަސް ބުނާނެ އެއްވެސް ޖާގައެއް ނެތެވެ. ގާނޫނުގައި އޮތް އެއްޗަކާއި މެދު ހިތްހަމަނުޖެހެނީނަމަ، ނޫނީ ސަރވިސް ޗާޖު ބަޔާންކުރެވިފައިވާ މާއްދާއާއިމެދު ހިތްހަމަނުޖެހެނީނަމަ، އެގާރަ އަހަރަކީ އެއްޗެއް ބުނަން ނޫނީ ކޯޓަށް މައްސަލަ ވައްދާ ކުރިޔަށް ގެންދަން އެކަށީގެންވާ މުހުލަތެއް ނޫންތޯއެވެ؟
ކަން މިހެން ހުރިއިރު، މިއަދު ސަރވިސް ޗާޖު ނަގާ ބައެއް ތަންތަނުގައި އުޅޭ މުވައްޒަފުންނަށް ،އެއީ އެމުވައްޒަފުންގެ ހައްގެއްކަމެއް ނުވެސް އިނގެއެވެ. ހާއްސަކޮށް މާލޭގައި މީހުންނަ ބޮޑެތި ރެސްޓޯރަންޓްތަކާއި ކެފޭތަކުން ބަރާބަރަށް ސަރވިސް ޗާޖަށް ފައިސާ ނަގަމުންދާއިރު، އެތަންތަނުގައި ތިބި މުވައްޒަފުންގެ ތެރެއިން ސަރވިސް ޗާޖު ލިބުނީ ކިތަން މުވައްޒަފުންނައްތޯ ތިބޭފުޅުން ގޮސް އައްސަވާ ބައްލަވާށެވެ. ގައިމު އެއްވެސް ބިލަކުން ސަރވިސް ޗާޖެއް މައާފެއް ނުކުރެއެވެ. ހިދުމަތް އެ ފެންވަރަށް ނުދެވުނަސް، ސަރވިސް ޗާޖު ބަރާބަރަށް ނަގައެވެ. އިނގިލިން ގުނާ ލެވޭހާ މަދު ތަނަކުން ނޫނީ، މުވައްޒަފުންގެ މި ހައްގު ވަނީ ނިގުޅައިގެންފައެވެ.
ދެން އޮތީ، މިރާއްޖޭގެ އިގްތިސާދުގެ ބޮޑު އިންސައްތައެއް ހިއްސާކުރާ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި ހޮޓާތަކުގެ ވާހަކައެވެ. މިއީ އިއްޔެއަކު މިއަދަކު އަޑު އިވުނު ވާހަކައެއް ނޫނެވެ. ކިތަންމެ ގިނައިން އަޑުއިވުނު ނަމަވެސް، އަދިވެސް ހައްލެއް ލިބިފައިވާ ކަމެއް ނޫންކަން ހިތާމަޔާއެކު ފާހަގަކޮށްލަމެވެ. ހާއްސަކޮށް ދިވެހި މެނޭޖްމަންޓުތަކުން ހިންގާ ރިސޯޓުތަކުގައި މިމައްސަލަތައް އުޅޭ ވާހަކަ ތާއަބަދުމެ އިވެއެވެ. ތަކުރާރުކޮށް އެއް ވާހަކައެއް އަޑު އިވޭނީ، ކޮންމެވެސް ސަބަބުތަކެއް ހުރެގެންކަން ގަބޫލުކުރަން އެބަޖެހެއެވެ.
މިކަމުގައި ސަރުކާރަށް ބަރޯސާވެގެން، މުވައްޒަފުންނަކަށް ހައްލެއް ނެތެވެ. ވަޒީފާގެ ގާނޫނުގައި އޮތް އެއްޗަކަށް ބަލާނަމަ، އެމުވައްޒަފުންނަށް ހައްގު އެއްޗެއް ހޯދަން ކޯޓުތަކަށް ނުދެވޭންވީ ސަބަބެއް ނެތެވެ. މުވައްޒަފުންނަށް ލިބެންޖެހޭ ފައިސާއެއް، އެމުވައްޒަފުންނަށް ނުލިބޭނަމަ އެއިން ކުރާ ހަރަދެއްވެސް އެއިރަށް އެނގިގެން ދާނެއެވެ. ގައިމު ނަގުދު ފައިސާ ހަވަޔަށް ފަޒާއަށް އަރައިގެނެއް ނުދާނެއެވެ. މީރާއިން ކުރާ އޮޑިޓަކުންވެސް މިކަން ފާހަގަ ނުވާތީ ހަމަ ހައިރާނެވެ.
ހަގީގަތުގައި އިހުލާސްތެރިނަމަ، އެއްވެސް ވިޔަފާރިވެރިއަކު މިފައިސާ ނުދީ ނުހުންނާނެއެވެ. ގާނޫނުތަކަށް ބޯލަނބާނަމަ، މިފައިސާ ނުދީއެއް ނުހުންނާނެއެވެ. މިއީ މުވައްޒަފުންގެ ހައްގެކެވެ. އެމުވައްޒަފުންނަށް އެފައިސާ ނުދީ ހިފަހައްޓާނެ އެއްވެސް ބަހަނާއެއް ނެތެވެ. އެ ސަރވިސް ޗާޖެއް ނަގާހާ ހިނދަކު، އެއީ މުވައްޒަފުންގެ ހައްގެކެވެ. ވިޔަފާރިވެރިންގެ ޖީބު ބަރުކުރާ އެއްޗެއް ނޫނެވެ. ހައްގު ފައިސާ ހޯދަން މުވައްޒަފުން ތެދުވަން މާލަސްވެސް ވެއްޖެއެވެ.