ބައިނަލްއަގްވާމީ މިންގަނޑުތައް ފެތޭގޮތަށް މާލޭގައި ސްވިމިންގް ޕޫލެއް އެޅުމަށްޓަކައި, ކުރީގެ ކުނިގޮނޑު ހުރި ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ނޫސްވެރިންނަށް މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވީ ސްވިމިންގް ޕޫލު އެޅުމަށްޓަކައި ބޭނުންވާ ބިން ހަމަޖެއްސުމަށް ގިނަ ދުވަސްތަކެއް ނެގި ކަމަށެވެ. އެއީ އޭރު އެބިމަކީ ޓާޓާ ކުންފުންޏާއި ހަވާލުކުރެވިފައި އޮތް ބިމަކަށް ވުމުން ކަމަށާއި އެ މައްސަލަ ހައްލުކޮށް ނިމުމާއި އެކު މޯލްޑިވްސް ސްވިމިންގް އެސޯސިއޭޝަންއާއި އެކު، ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ގަވާއިދުތަކާއި ގާނޫނުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިނުވާ ނަމަ ސްވިމިންގް ޕޫލުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފަހު ކޮޅު މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. 45 ވަނަ ގައުމީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ސްވިމިންގް ޕޫލުގައެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސްވިމިންގް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވީ ސްވިމިންގް ޕޫލެއް އެޅުމުގެ މަސައްކަތް ފެށިފައިމިވަނީ ރާއްޖޭގެ ފެތުންތެރިން އެކަމަކަށް އެދެމުންދާތާ އެތައް ދުވަހެއް ފަހުން ކަމަށެވެ. ޗަމްޕީ ވިދާޅުވީ ސްވިމިންގް ޕޫލްގެ ކޮންސެޕްޝުއަލް ކުރެހުން ނިމި، މިނިސްޓްރީއާއި ހިއްސާކޮށްފައިވާ ކަމަށާއި އޭގެ މައްޗަށް ބިނާކޮށް މިހާރު ޕޫލްގެ ޑީޓެއިލްޑް ކުރެހުން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ޑީޓެއިލްޑް ޑްރޯވިންގް އިރާދަކުރެއްވިއްޔާ ޖެނުއަރީ 30 ވަނަ ދުވަހާއި ހިސާބަށް ލިބޭނެ ކަމަށް ކުރެހުމުގެ ކަންތައްތަކުގައި އުޅުއްވާ ބޭފުޅުން ވިދާޅުވެފައި އޮތީ. އެހެންވީމާ މިތަން އޮންނާނީ އޭރަށް ސާފުކޮށްވެސް ނިމިފައި. އެހިސާބުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޓެންޑަރ ކޮށްގެން ފެބުރުއަރީ އިރާދަކުރެއްވިއްޔާ 15 އާއި ހިސާބުގައި އަޅުގަނޑުމެންނަށް މަސައްކަތް ފެށޭނެ ކަމަށް އަޅުގަނޑުމެން ޓާގެޓު ކުރަނީ.ސްވިމިންގް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު (ޗަމްޕީ)
މަސައްކަތް ފަށާތާ 8 މަހުގެ ތެރެގައި ނިމޭނެ ކަމަށް ލަފާ ކުރެވޭއިރު. މަސައްކަތް ނިމޭއިރު 50 މީޓަރުގެ 10 ލޭނުގެ ޕޫލަކާއި ވަރމް އަޕް އަށާއި ވަރމް ޑައުން ކުރުމަށް 25 މީޓަރުގެ 4 ލޭނުގެ ޕޫލެއް އިންނާނެ ކަމަށް ވިދާޅުވިއެވެ. ސްވިމިންގް އެސޯސިއޭޝަންގެ އޮފީހާއި ފެތުންތެރިންނަށް ޚާއްސަ ޖިމެއް ހިމެނޭނެއެވެ.