ކ. މާލެ
|
21 މާރޗް 2017 | އަންގާރަ 04:26
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް
ޕީޕަލް މެގަޒިން
މެންބަރުންނަށް ބިރުދެއްކުން
ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން
ސަލީމް އަށް ބިރުދެއްކީ 25 އަހަރަށް ޖަލަށް ލާނެ ކަމަށްބުނެ
ވޯޓު ދިނީ އެހެން ގޮތެއް ނެތިގެން

ދިވެހިރާއްޖޭގެ ބިން، ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީ އިސްލާޙު ކުރި ދުވަހު، އެ އިސްލާހާއި އެއްކޮޅަށް ވޯޓު ދިނީ ބިރުދައްކާފައި ހުރުމުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު 'ރެޑްވޭވް' ސަލީމް ވިދާޅުވި ކަމަށް، އެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، އަލްއުސްތާޛް އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިސްނަގައިގެން، ބިން ވިއްކުމާއި ގުޅޭގޮތުން ހޯމަ ދުވަހުގެރޭ ބޭއްވި ޕެނަލް މަޝްވަރާއެއްގައި، ޕެނަލިސްޓެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން، އަލީ ޙުސައިން ވިދާޅުވީ، ޤާނޫނު އަސާސީއަށް ދެވަނަ އިސްލާހު ގެނައި ދުވަހު، އެކަން ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވައިދޭން ސަލީމް އެދިވަޑައިގަތް ކަމަށާ، ސަލީމްއަށް ބިރުދައްކާފައި ހުރިކަންވެސް ސަލީމް ހާމަ ކުރެއްވި ކަމަށް އަލީ ޙުސައިން ވިދާޅުވިއެވެ.

އަޅުގަނޑު މިއަދު ދަންނަވާނަން، އެދުވަހު، ބިމާގުޅޭގޮތުން ޤާނުނު އިސްލާހު ކުރެވުނު އިރުގަ، އެ ބިލާ ބެހޭގޮތުން ވާހަކަ ދެއްކީރު، ހަމަގައިމުވެސް، އަޅުގަނޑުގެ ކައިރީ، އަޅުގަނޑުގެ ކަނާތްފަރާތުގަ އިނދެގެން، އޭދަފުށީ ދާއިރާގެ މެންބަރު، އަޅުގަނޑު ގާތުގަ އާދޭސްކޮށްފަ ދަންނަވާފަ ހުންނާނެ، އަލީ ޙުސައިންއޭ މިކަން ވީގޮތަކުން ހުއްޓުވައިދޭށޭ. ތިމަންނައެއް ބޭނުމެއް ނޫނޭ މިޤައުމުގެ ބިންވިއްކާކަށް. އެކަމު ތިމަންނައަށް ހަމަ ބިރުދައްކާފައޭ ހުރީ. ތިމަންނައާ ދިމާލަށް ބުންޏޭ، ނާޒިމަށް ވީގޮތް ބަލާބަލާށޭ، ފަންސަވީސް އަހަރަކަށް ނޫންހޭ ޖަލަށްލީ، ހަމަ އެވަރަށް ސަލީމްވެސް ޖަލަށް ލާނަމޭ. ހަމަ އެއްވެސް ގޮތެއް ނެތިގެންނޭ މިއަދު އައިސް ވޯޓު މި ދިނީ. އަލީ ޙުސައިން ވިދާޅުވިއެވެ.

އަލީ ޙުސައިން އިތުރަށް ވިދާޅުވީ، އެކަށޭނަ ވަގުތު ނުދީ، މި އިސްލާހު ފާސްކުރީ، މެންބަރުންނަށް ފްރީ ހޯލްޑް އުޞޫލަކީ ކޮބައިކަން އޮޅުވާލައިގެން ކަމަށެވެ.

މިކަމާއި ގުޅިގެން މެންބަރު ސަލީމްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް، އެމަނިކުފާނު ރާއްޖޭގައި ނޫޅުއްވާތީ، ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ބޭނުންވާ ގޮތަށް އެކި ކަންކަން ކުރުމަށް މެންބަރުންނަށް ބިރުދައްކާ ކަމުގެ ވާހަކަ މީގެ ކުރިންވެސް އެކި ފަހަރުމަތިން އިވިގެން ގޮސްފައިވާއިރު، ބައެއް މެންބަރުން ސަރުކާރާއި މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން، އެފަރާތްތަކުގެ ވިޔަފާރިއަށް އެކި ކަހަލަ ހުރަސްތައް ކުރިމަތިވާ މައްސަލަ މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.

- ކޮމެންޓް