Advertisement
ކ. މާލެ
|
21 މާރޗް 2017 | އަންގާރަ 02:16
ފުލުހުންގެ އިދާރާ: މިހާރު ނޫހުގައި ޝާއިޢު ދެ ރިޕޯޓަކާ ގުޅިގެން، ކްރިމިނަލް ކޯޓާއި ޑީޖޭއޭއިން ހުށަހެޅި މައްސަލަތައް ދަނީ ބަލަމުން
ފުލުހުންގެ އިދާރާ: މިހާރު ނޫހުގައި ޝާއިޢު ދެ ރިޕޯޓަކާ ގުޅިގެން، ކްރިމިނަލް ކޯޓާއި ޑީޖޭއޭއިން ހުށަހެޅި މައްސަލަތައް ދަނީ ބަލަމުން
މުހައްމަދު ޝަރުހާން
މިހާރު ނޫސް
މިހާރު ނޫހުގައި ލިޔުނު ދެ ރިޕޯޓެއްގެ މައްސަލަ ފުލުހުން ބަލަނީ
މައްސަލަ ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓާއި ޑީޖޭއޭއިން
ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ވަނީ ނޫސްވެރިންނަށް ވަރުގަދަ އިންޒާރެއް ދީފަ

'މިހާރު' ނޫހުގައި ލިޔުނު ދެ ރިޕޯޓެއްގެ މައްސަލަ، ފުލުހުން ބަލަން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ފުލުހުން ބަލަމުންދަނީ، "ގައިދީންނަށް އިހުމާލުވުމުގެ ތުހުމަތު: ހަގީގަތަކީ ކޮބައިބާ؟"، މި ސުރުޚީގެ ދަށުން، މަޗް 10 ވަނަ ދުވަހު މުޙައްމަދު ޔަމީން ލިޔެފައިވާ ރިޕޯޓަކާއި، "ހުކުމެއް ނެތި، ވާނުވާ ނޭނގި ޖަލުގައި: ބޮޑު އަނިޔާއެއް"، މި ސުރުޚީގެ ދަށުން، މާޗް 19 ވަނަ ދުވަހު، މުއިއްޒު އިބްރާހިމް އަދި އާސިޔަތު މުހައްމަދު ސައީދު ލިޔެފައިވާ ރިޕޯޓެއްގެ މައްސަލައެވެ. މީގެ ތެރެއިން އެއް ރިޕޯޓްގެ މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުލުހަށް ހުށަހަޅާފައި ވާއިރު، އަނެއް ރިޕޯޓްގެ މައްސަލަ އަކީ ކްރިމިނަލް ކޯޓުގެ އެދުމުގެ މަތިން ބަލާ މައްސަލައެކެވެ. 

މި މައްސަލައިގައި 'މިހާރު' ގެ މެނޭޖިންގ އެޑިޓަރު އިސްމާއިލް ނަޞީރު ހޯމަ ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ވަނީ ހާޒިރުކޮށްފައެވެ.

މިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

'މިހާރު' ނޫހުގައި ލިޔެފައިވާ ދެ ރިޕޯޓެއްގެ މައްސަލަ ޖުޑީޝަރީން ފުލުހަށް ހުށަހަޅާފައިވާއިރު، ބައެއް ނޫސްވެރިން ލިޔާ ލިޔުންތަކުން ޓެރަރިޒަމަށް ހިތްވަރު ލިބޭ ކަމަށާއި، އެފަދަ ލިޔުންތައް ލިޔާ ނޫސްވެރިންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ، އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ނޫސްވެރިންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ.

ކްރިމިނަލް ކޯޓުގެ އެ ބަޔާނުގައި ބުނެފައިވަނީ، ދިވެހި ދައުލަތުގެ އިސް ވެރިންނާއި މުއައްސަސާތަކާމެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށާއި ދައުލަތުގެ ތިން ބާރުގެ އަގުވައްޓާލައި، ދިވެހި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް، ދިވެހިރާއްޖޭގަ ނެރެމުންދާ ބައެއް ނޫސްތަކުގައި ލިޔާ ބައެއް ނޫސްވެރިން މަސައްކަތްކުރަމުން ގެންދާކަމަށާއި، އޭގެތެރެއިން ބައެއް ލިޔުންތަކަކީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ޒާތުގެ ލިޔުންތަކެއްކަމަށެވެ. ކްރިމިނަލް ކޯޓުން ބުނީ އެފަދަ ލިޔުންތައް ލިޔެގެން، ދިވެހި ދައުލަތުގެ އަމަންޢާއްމާއި އިސްތިޤުރާރު ނަގާލައި، ދިވެހި ދައުލަތުގެ ސިޔާދަތަށް ބުރޫއަރާފަދަ ޢަމަލުތައް ކުރާ ކޮންމެ މީހަކާމެދު އެ ކޯޓުން ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް