އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ލިވަރޕޫލުން ނަގާނެކަމަށް ވާދަވެރި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާ މިހެން ބުނީ ވޮލްވަރހެމްޕްޓަން އަތުން ސިޓީ، 3-2 ގެ ނަތީޖާ އަކުން ބަލިވި މެޗަށްފަހުގައެވެ.
ބީބީސީ ސްޕޯޓްސްއަށް ދިން އިންޓަރވިއުއެއްގައި ގާޑިއޯލާ ބުނީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަރޕޫލާ އަރާހަމަކުރުމަކީ މި ސީޒަނުގައި ދެން ވާނެ ކަމެއް ނޫންކަމަށާއި، ލިވަރޕޫލު އޮތީ ސިޓީއާއި ހިލާފަށް ވަރަށް ފޯމުގައި ކަމަށާއި ލީގު ޗެމްޕިއަންކަން ނެގުމުގެ އެޑްވާންޓޭޖް ލިވަރޕޫލަށް ބޮޑުކަމަށެވެ.
ލީގުގައި ދެން ލިވަރޕޫލް އަތުލައިގަނެ އެއްވަނައަށް އެރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ހުރިހާ ވެސް ވިސްނުމެއް މިހާރު ހުރީ ލީގުގެ ދެވަނައިގައި އެއް ޕޮއިންޓް އިތުރަށް ހޯދައިގެން އޮތް ލެސްޓަރ ސިޓީ އަތުލައިގަނެ، ލީގު ތާވަލުގެ ދެވަނައިގައި އޮވެ ސީޒަން ނިންމުމަށް ކަމަށް ގާޑިއޯލާ ބުންޏެވެ. ގާޑިއޯލާ އިތުރަށް ބުނީ ސިޓީ މިހާރު އޮތް ފޯމުގައި އޮވެ ލީގު ތާވަލުގެ ދެވަނައަށް އެރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އޭނާގެ ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށެވެ.
ލިވަރޕޫލުން ލީގުގެ އެއްވަނައިގައި 14 ޕޮއިންޓްގެ ލީޑެއް ނަގައިފައިވަނީ ސިޓީއަށްވުރެ އެއް މެޗު މަދުން ކުޅެގެންކަން ފާހަގަކޮށް ގާޑިއޯލާ ބުނީ ލިވަރޕޫލް އަކީ މި ސީޒަނުގެ ލީގު ނަގާނެ ކްލަބް ކަމަށާއި އެޓީމަކީ ފޭވަރިޓުން ކަމަށެވެ.
ނަމަވެސް ސިޓީއިން ކުރިޔަށް ހުރި މެޗުތަކުން މޮޅުވެ ލިވަރޕޫލާއި އޮތް ޕޮއިންޓްގެ ފަރަގު ކުޑަކުރަން މަސައްކަތް ކުރާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.
ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަރޕޫލަށް 52 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ލެސްޓަރ ސިޓީ އޮތީ ލިބުނު 39 ޕޮއިންޓާއިއެކުގައެވެ. އަދި ލީގު ތާވަލުގެ ތިންވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ ލިބުނު 38 ޕޮއިންޓާއިއެކުގައެވެ.