އިނގިރޭސި ޕްރިމިއާ ލީގުގައި ވޮލްވަރހެމްޕްޓަނުން ފަހަތުން އަރައި އެންމެ ފަހުގެ ލީގު ޗެމްޕިއަން ސިޓީ ބަލިކޮށްފިއެވެ.
ވޮލްވަރހެމްޕްޓަން ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން ސިޓީއިން ވަނީ ވޮލްވަރހެމްޕްޓަންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ސިޓީގެ ކުޅުންތެރިން ވަނީ ކައިރިކައިރީގައި ވޮލްވަރހެމްޕްޓަންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވައިލައިފައެވެ. މެޗުގެ 25 ވަނަ މިނެޓުގައި ސިޓީއިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރަހީމް ސްޓާލިންގއެވެ. މި ލަނޑަށްފަހު ވޮލްވަރހެމްޕްޓަން އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 44 ވަނަ މިނެޓުގައި ވޮލްވަރހެމްޕްޓަންގެ ރައުލް އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއްލިބި ބޭކާރުވެފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ސިޓީއިން ވަނީ ވޮލްވަރހެމްޕްޓަންގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 50 ވަނ މިނެޓުގައި ސިޓީއިން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރަހީމް ސްޓާލިންގއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ކެވިން ޑިބްރައިނާގެ އެހީތެރިކަމާއި އެކުގައެވެ. މި ލަނޑާއިއެކު ވޮލްވަރހެމްޕްޓަންއިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު މެޗުގެ 55 ވަނަ މިނެޓުގައި ވޮލްވަރހެމްޕްޓަން އިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަ ކޮށްފައެވެ. މި
ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑްމާ އެވެ. މި ލަނޑަށްފަހު ވެސް ވޮލްވަރހެމްޕްޓަން އިން ވަނީ ސިޓީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވައިލައިފައެވެ. އެގޮތުން މެޗުގެ 82 ވަނަ މިނެޓުގައި ވޮލްވަރހެމްޕްޓަން އިން ވަނީ އިތުރު ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރައުލްއެވެ. މެޗުގެ 89 ވަނަ މިނެޓުގައި ވޮލްވަރހެމްޕްޓަންގެ މެޓްވަނީ ލަނޑު ޖަހާ ލީޑު އެޓީމަށް ނަގައިދީފައެވެ.
މި ނަތީޖާއާއި އެކު ވޮލްވަރހެމްޕްޓަންއިން އޮތީ ލިބުނު 30 ޕޮއިންޓާއިއެކު ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ލިވަރޕޫލަށް 52 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ލެސްޓާ ސިޓީއަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. އަދި މެޗުން ބަލިވި ސިޓީ ތާވަލުގެ ތިންވަނައިގައި އޮތީ ލިބުނު 38 ޕޮއިންޓާއިއެކުގައެވެ.