ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އަކީ މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީގެ ތެރެއިން އެއް މިނިސްޓްރީއެވެ. ކުރިން ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ކުރަމުން އައި މަސައްކަތާއި އެޑިއުކޭޝަނުން ކުރަމުން އައި މަތީ ތަޢުލީމުގެ މަސައްކަތްތައް މި މިނިސްޓްރީގެ މެންޑޭޓްގައި ހިމެނިގެން ދިޔައެވެ.
މިނިސްޓްރީ އުފެދުނު ފަހުން ކުރެވުނު މުހިންމު މަސައްކަތްތަކަށް ބަލާލާނަމެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާ ޙަވާލުކުރި ވަޢުދުތަކުގެ ތެރެއިން މުހިންމު ތިން ވަޢުދެއް 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ފުއްދާފައިވެއެވެ.
އެގޮތުން އެ މިނިސްޓްރީން ފުއްދާފައިވާ ވަޢުދުތަކުގެ ތެރޭގައި، ޖީސީ އޭލެވެލް އިން އެއް ވަނަ ހޯދާ ދަރިވަރުންނަށް އިޚުތިޔާރުކުރާ ޔުނިވަރސިޓީއަކުން ފުރަތަމަ ޑިގްރީ ޙާޞިލުކުރުމަށް ސްކޮލަރޝިޕް ދޭން ނިންމުމުގެ ވަޢުދު ހިމެނެއެވެ. އެ ގޮތުން ދަރިވަރަކު ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ލިބޭނޭކަން މިނިސްޓްރީން ހާމަކުރިއެވެ. އަދި އޭލެވެލް އިން އެއްވަނަ ހޯދާ ދަރިވަރަކަށް ދޭ ސްކޮލަރޝިޕްގެ ފުރުޞަތު އަންނަ އަހަރުން ފެށިގެން ހުޅުވާލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދެ ވަނަ ވަޢުދަކަށް ފުއްދާފައިވާ ވަޢުދަކީ ހައި އެޗީވަރސް ސްކޮލަރޝިޕް ސްކީމު އޯއީސީޑީ ޤައުމުތައް ހިމެނޭ ގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމު/ޔުނިވަރސިޓީތަކުން ކިޔެވޭ ސްކީމަކަށް ހެދުމުގެ ވަޢުދެވެ. މި ވަޢުދު ފުއްދުމުގެ ގޮތުން އޯއީސީޑީ ޤައުމުތައް ހިމެނޭ ގޮތަށް ސްކޮލަރޝިޕް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަޔަރ އެޑިއުކޭޝަނުން ތިން ވަނަ އަށް ފުއްދާފައިވާ ވަޢުދަކީ، ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތަޢާރަފު ކުރުމެވެ. އަދި މިހާރު "ކިޔަވާ ލޯނު" ދައްކަމުންދާ ފަރާތްތަކުގެ ލޯނު އަނބުރާ ދެއްކުން ތަކުލީފަކަށް ނުވާނެ ގޮތަށް މުރާޖަޢާކުރުމަށް ފަހު ރީސްޓަރަކްޗަރ ކުރުމަށް ހުޅުވާލެވުން ވެސް ހިމެނެއެވެ. އެގޮތުން ކުރިން ކިޔަވާ ލޯނުން ފަހެއް އިންސައްތައިގެ އިންޓަރެސްޓް ރޭޓެއް ނަގާއިރު މިހާރު އިސްޓަރެސްޓް ރޭޓް ވަނީ ތިނެއް އިންސައްތައަށް ކުޑަކޮށްފައެވެ.
ހިލޭ ޑީގްރީ ޕްރޮގުރާމް
ރާއްޖޭގަ ތިބެގެން ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިފްތިތާޙުކޮށްދެއްވުމާ ގުޅިގެން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް އެއަށް ޢަމަލުކުރަން ފެށުނެވެ.
މި އެއްބަސްވުންތަކުގެ ދަށުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ޤައުމީ ޔުނިވަރސިޓީން ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އަދި 2019 ވަނަ އަހަރުގެ ޖަނަވަރީ ސެމިސްޓަރ އިން ފެށިގެން ޔުނިވަރސިޓީގެ ޑިގްރީ ޕްރޮގްރާމުތަކަށް ކުރިމަތިލި ހުރިހާ ދަރިވަރުންނަށް ޓިއުޝަން ފީއާއި ނުލާ ކިޔެވުން ކުރިއަށް ގެންދެވޭނެއެވެ.
މީގެ އިތުރުން ފުރަތަމަ ޑިގްރީ ސްކީމްގައި ދަރިވަރުންގެ އަތަށް ކޯސްފީދޭގޮތަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނިންމިއެވެ.
މީގެ ކުރިން ދަރިވަރުންނަށް ކޯސްފީ ދެމުން އައީ ޔުނިވަރސިޓީ ނުވަތަ ކޮލެޖަށެވެ. އަދި ކޮލެޖު ޔުނިވަރސިޓީތަކުން އިންވޮއިސް ނައިސް ލަސްވުމުން ވަރަށް ގިނަ ދަރިވަރުންނަށް ފައިސާ ދިނުން ލަސްވެގެންދިޔަ މައްސަލަައަށް ޙައްލު ހޯދާ ދަރިވަރު އޭނާގެ އިނީޝިއަލް އެޕްލިކޭޝަނަށް ބޭނުންވާ ހުރިހާ ޑޮކިއުމެންޓަކާއެކު ހުށަހެޅުމުން ވަގުތުން ފައިސާ ދޫކުރުމަށް ނިންމިއެވެ.
ކިޔެވުމަށް ދޫކުރާ ފައިސާ ކިޔެވުމުގެ ބޭނުންތަކަށް އެކަނި ޚަރަދުކުރުމަށް ބާރުއެޅުމުގެ ގޮތުން މުޅި އަހަރަށް ގަނޑުކޮށް ފައިސާ ދޫކުރުމުގެ ބަދަލުގަ، ރިސިޕްޓް ގެނައުމުން ފައިސާ ދޫކުރުމަށް ރާވާފައި ވަނީ ކޮންމެ ސެމިސްޓަރ އެއްގެ ޕޭމެންޓް ވަކިވަކިންނެވެ.
ސްޓޫޑެންޓް ލޯން
ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ގޮތުން ދޫކުރާ ލޯންތަކަށް ކުރިމަތިލުމުގެ ފުރުޞަތު މި އަހަރުގެ ތެރޭގައި ހުޅުވާލެވިގެން ދިޔައެވެ. ހަޔަރ އެޑިއުކޭޝަނުން އިޢުލާންކުރި ލޯނު ސްކީމްގެ ދަށުން 242 ފުރުޞަތު 2019 ވަނަ އަހަރު ހުޅުވާލިއެވެ. އަދި އެއީ 54 މިލިޔަން ރުފިޔާގެ ލޯނު ސްކީމްގެ އެހީ ކަމަށް ހަޔަރ އެޑިއުކޭޝަނުން ހާމަކުރިއެވެ.
ލޯނު ފުރުޞަތުގެ ތެރޭގައި އެ ދަރިވަރަކު މަތީ ތަޢުލީމް ޙާޞިލުކުރަން ބޭނުންވާ ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމް ޙާޞިލުކުރުމަށް ވަކި ޢަދަދެއްގެ ފުރުޞަތު މި ފަހަރުގެ ލޯނު ސްކީމްގެ ދަށުން ހުޅުވާލާފައިވެއެވެ. އެއީ ރާއްޖޭގައި މި ވަގުތު މަތީ ތަޢުލީމް ޙާޞިލު ކުރެވެން ނެތް ދާއިރާތަކެވެ.
މީގެ އިތުރުން 2019ވަނަ އަހަރުގެ މިހާތަނަށް، ސްޓޫޑެންޓް ލޯނަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެ މިނިސްޓްރީގެ ބަޖެޓުގެ 95 އިންސައްތަ އަށް ވުރެ ބޮޑު ޢަދަދެއް ޚަރަދު ކުރަނީ ސީދާ ދަރިވަރުންނަށެވެ.
އެ ލޯނު ތަކުގެ ތެރޭގައި ކުރީ ސަރުކާރުން ބަޖެޓު ނުކޮށް ދޫކޮށްފަ ހުރި ލޯނުތައް ވެސް ހިމެނޭއިރު، 567 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވެއެވެ. އަންނަ އަހަރު ކުރީކޮޅު އިތުރު ލޯން ސްކީމް އިއުލާން ކުރަން ހަޔަރ އެޑިއުކޭޝަނުން ވަނި ނިންމާފައެވެ.
މަތީ ތަޢުލީމާ ބެހޭ ބިލު
މަތީ ތައުލީމާއި ބެހޭ ބިލުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެ ބިލް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަހަރު ނިމެން ކައިރި ވަނިކޮށް ހާމަކޮށްފައެވެ.
ހަރަޔ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ބިލުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ސަރުކާރުގެ ކަމައި ބެހޭ ފަރާތްތަކުން އެ ބިލަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނެސް މަޝްވަރާ ކުރަންޖެހޭ ބަޔަކާއި މަޝްވަރާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
މަތީ ތަޢުލީމާއި ބެހޭ ބިލެއް ޤާނޫނަކަށް ވެގެން އައުމުން ރާއްޖޭގައި މަތީ ތަޢުލީމުގެ ވަރަށް ބޮޑުތަން ފުރިހަމަ ވެގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ދެމެދު ކަންކަން ރެގިއުލޭޓް ކުރުމުގައި ވަރަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ވަރަށް ބޮޑު ޤާނޫނީ ބާރެއް ލިބިގެން ދާނެކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޖޫނިއަރ ކޮލެޖުގެ މޮޑެލް ފައިނަލައިޒް ކުރުމުގެ މަސައްކަތް
މިހާރު ކުރިޔަށް ދަނީ ޖޫނިއަރ ކޮލެޖުގެ މޮޑެލް ފައިނަލައިޒް ކުރުމުގެ މަސައްކަތް ކަމަށާއި، މޮޑެލް ފައިނަލްވުމަށް ފަހު ކޮލެޖް އެޅުމުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވަނީ ހާމަކުރައްވާފައެވެ.
ތ. ތިމަރަފުށީގަ އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖުގެ ޢަމަލީ މަސައްކަތް ފެށޭނެ ތާރީޚާއި ބެހޭ ގޮތުން ޑރ. ހަސަން ވިދާޅުވީ، 2018 ވަނަ އަހަރު 57 ސްކޫލަކުން 5128 ދަރިވަރުން ''އޯ'' ލެވެލް އިމްތިޙާނުގަ ބައިވެރިވެ ޘާނަވީ މަރުޙަލާ ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން މަތީ ޘާނަވީ މަރުޙަލާ އަށް ދެވުނީ ހަމައެކަނި 35 އިންސައްތަ ދަރިވަރުންނަށް ކަމަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ވިސްނުމަކީ ޖޫނިއަރ ކޮލެޖުގައި ވޮކޭޝަނަލް މާއްދާތަކުގެ އިތުރުން އެކެޑެމިކް މާއްދާތައް ކިޔަވާ ދިނުމެވެ. ޖޫނިއަރ ކޮލެޖުގެ މަސައްކަތް ފެށުމަށް ހަޔަރ އެޑިއެކޭޝަން މިނިސްޓްރީއާ ޙަވާލުކޮށްފައިވަނީ ޖޫން މަހުގެތެރޭގައެވެ. މިނިސްޓަރު ވިދާޅުވީ، ޖޫން މަހުން ފެށިގެން އެ މަސައްކަތް ފަށާ، ރާއްޖެއިން އެންމެ ކަމުދާ އަދި އެންމެ ގިނަ ބަޔަކަށް އޭގެ ފައިދާވާނެ މޮޑެލްއެއް ބައްޓަން ކޮށްފައިވާ ކަމަށެވެ. ޤައުމީ ތަރައްޤީގެ ޕްލޭނަށް ރިޔާއަތްކޮށް ޖޫނިއަރ ކޮލެޖުގެ މުޤައްރަރާއެކު، މިނިސްޓްރީގެ ވިސްނުމަކީ ކޮލެޖު ހެދިގެން ދާއިރު ޞަރަޙައްދުތަކަށް ޚާއްޞަވެފައިވާ ސިނާޢަތްތަކަށް މީހުން ބިނާ ކުރުމަށް އެ ކޮލެޖުތަކުން ޚާއްޞަ އިސްކަމެއް ދިނުމެވެ.
އެ ކޮލެޖުތަކުގައި ބޭރު ޤައުމުތަކުގެ ތަފާތު ބަސްތައް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެކަން ޑރ. ޙަސަން ފާހަގަކުރެއްވިއެވެ. ޖޫނިއަރ ކޮލެޖުގެ މައިގަނޑު ބޭނުމަކީ ވަޒީފާގެ ދާއިރާއަށް ޒުވާނުން ނެރެން ބޭނުންވާނެ ހުނަރުތަކާއި އެހެނިހެން ސިފަތައް އެމީހުން ގައިގައި އަށަގެންނެވުމެވެ.
ކޮލެޖުގެ މަސައްކަތް ގޮސްފައިވާ ހިސާބު މެންބަރުންނާ ޙިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކޮލެޖު އަޅާނެ ޞަރަޙައްދުތައް މިހާރު ފައިނަލައިޒް ކުރަމުންދާ ކަމަށާއި، އެ މަސައްކަތް ނިމޭއިރަށް ކޮލެޖުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އެކަމަކު ފެށޭނެ ވަކި ތާރީޚެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
މިނިސްޓްރީގެ 7 ވަޢުދު ފުއްދި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އަށް ކަނޑައަޅާފައިވާ ހުރިހާ ވަޢުދަތަކެއް ފުއްދިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ހަޔަރ އެޑިއުކޭޝަން އިން ފުއްދި ވައުދުތަކަކީ:
1. ޖީސީއީ އޭލެވަލް އިން އެއް ވަނަ ހޯދާ ދަރިވަރުން އިޚުތިޔާރު ކުރާ ޔުނިވަރސިޓިއަކުން ފުރަތަމަ ޑިގްރީ ޙާޞިލު ކުރުމަށް ސްކޮލަރޝިޕް ދޭން ފެށުން
2. ރާއްޖޭގައި ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލުން
3. ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތަޢާރަފު ކުރުން އަދި މިހާރު ކިޔަވާ ލޯނު ދައްކަމުންދާ ފަރާތްތަކުގެ ލޯނު އަނބުރާ ދެއްކުން ތަކުލީފަކަށް ނުވާނެ ގޮތަށް ރިވިއުކުރުމަށް ފަހު ރީސްޓަރަކްޗަރ ކުރުމަށް ހުޅުވާލުން
4. ހަައި އެޗީވަރސް ސްކޮލަރޝިޕް ސްކީމު މުރާޖަޢާކޮށް، އެސްކީމަކީ އޯ.އީ.ސީ.ޑީ ޤައުމުތައް ހިމެނޭގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގުރާމު/ޔުނިވަރސިޓީތަކުން ކިޔެވޭ ސްކީމަކަށް ހެދުން
5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގުން ހަރުދަނާކޮށް މަތީތަޢުލީމުގެ ފެންވަރު މަތިކޮށް، ދެމެހެއްޓުމަށް ބޭނުންވާ ޤާނޫނީ ބާރުދޭނެ ޤާނޫނެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުން
6. ބިކޯކާ ޔުނިވަރސިޓީގެ އައުޓްޕޯސްޓް ހިންގަންފެށުން
7. ވަޒީފާ ހުރި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ފުރިހަމަ ޓްރެއިނިން ނީޑް އެނާލިސިސްއެއް ޤައުމީ ފެންވަރުގައި ހެދުން.