މިހާރު ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެޗްވަންއެންވަން ވައިރަސްއާ ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު ފެށިގެން މާބަނޑު މީހުންނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް ފަށާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އޭޑީކޭ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 20 މާޗް އިން ފެށިގެން މާބަނޑު މީހުންނަށާއި ކެންސަރުގެ ބަލި މީހުން އަދި ޓްރާންސްޕްލާންޓް ހަދާފައިވާ މީހުންނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އެ ހޮސްޕިޓަލުން ދެމުން ގެންދާނެ ކަމަށެވެ.
އެގޮތުން ވެކްސިން ދިނުމުގެ ހިދުމަތް ކުރިއަށް ދާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އިން ފެށިގެން ރޭގަނޑު 9:00 އަށް އޭޑީކޭ ހޮސްޕިޓަލްގެ ވެކްސިން ރޫމް އިން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އޭޑީކޭގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އިންފުލުއެންޒާ ވެކްސިން ޖަހަން އަންނައިރު އައިޑީކާޑާއި މާބަނޑު މީހެއް ނަމަ އެކަން އަންގައިދޭ ކާޑާއި، ޓްރާންސްޕްލާންޓް ހަދާފައިވާ މީހުންނާއި، ކެންސަރު ބަލި މީހުން ޑޮކްޓަރުގެ ލިޔުމެއް ގެންނަން ޖެހޭނެ ކަމަށް އޭޑީކޭގެ ބަޔާނުގައި ބުނެފައިވެއެވެ.
ވެކްސިން ޖަހައިދެނީ 163ރ. އަށެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މާބަނޑު މީހުންނަށާއި ކެންސަރުގެ ބަލި މީހުން އަދި ޓްރާންސްޕްލާންޓް ހަދާފައިވާ މީހުންނަށް ފިޔަވައި އެހެން މީހުންނަށް އިންފުލުއެންޒާ ވެކްސިންގެ ހިދުމަތް ދޭނެ ތާރީހެއް ފަހުން އިއުލާން ކުރެވޭނެއެވެ. އަދި އަމިއްލަ އަށް ގެންނަ ވެކްސިން އޭޑީކޭ ހޮސްޕިޓަލުން ޖަހައި ނުދޭނެ ކަމަށް އެ ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައި ވެއެވެ.