ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވެރިކަމަށް ވަޑައިގަތްއިރު، ދިވެހިރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖްތަމައުން އެކަހެރިވެފައެވެ. ކޮމަންވެލްތުން ވަކިވެ، އަވަށްޓެރިންނާއި މޫނު ޖެހި، އދ އާއި ރުޅިހަދާ، އަރަބި އިސްލާމީ ގައުމުތަކާއި ކަޅިހަމަ ނުކުރެވޭ ހާލުގައެވެ. ވިލާތުގެ އިއްތިޙާދުގެ ބޭފުޅަކު އިންސާނީ ކަރާމާތުގެ ވާހަކަ ދައްކަވާފާނެތީ އެއިން ބޭފުޅަކާއި ރައީސް ޔާމީން ބައްދަލެއް ނުކުރައްވައެވެ. ވެރިކަމުގެ 5 އަހަރު ނިންމާލީ އދގެ އާއްމު މަޖިލީހުގައި ތަގުރީރުކޮށްނުލައެވެ. ރާއްޖެއާއި ބެހޭ ގޮތުން އދއިން ކުރަމުންދިޔަ ހަމައެކަނި މަސައްކަތަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައް ބެލުން ކަމަށްވިއެވެ.
މިހާލެއްގައި އޮއްވައި ރައީސް ސޯލިޙް ވެރިކަމަށް ވަޑައިގެން، ދިވެހިޚާރިޖިއްޔާ ހިންގެވުމާއި ހަވާލުކުރެއްވީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާރު އަދި ކަމަށް އެންމެ ގާބިލް ޑިޕްލޮމެޓާއެވެ. މަޖިލީހުން އިސްތިއުފާ ދެއްވައި، އަބްދުﷲ ޝާހިދު ޚާރިޖީ ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވިއިރު، އެމަނިކުފާނު ވެގެން ދިޔައީ ކެބިނެޓްގައި ހުންނެވި ސިޔާސީ ގޮތުންވެސް އެންމެ ތަޖުރިބާކާރު ބޭފުޅާއަށެވެ.
ޚާރިޖީ ވަޒީރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޝާހިދު އެންމެ ފުރަތަމަ ވަޑައިގަތީ އަވަށްޓެރި އިންޑިއާއަށެވެ. އިންޑިއާ ސަރުކާރާއިއެކު މަޝްވަރާތައް ކުރައްވައި، ރައީސް ސޯލިޙްގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާއަށް ކުރެއްވުމަށް ހުރިހާ ކަމެއް ހަމަޖެއްސެވުމަށްފަހު ދެން ވަޑައިގަތީ ޔޫއޭއީ އަށާއި ޖަޕާނަށެވެ. ޒަމާންވީ ރަހްމަތްތެރިންނާއި ބައްދަލުކުރައްވައި، ޖަޒީރާ ރާއްޖެއަކަށް އަލިވިލުނުކަމުގެ އުފާވެރި ޚަބަރު ދެއްވުމަށްފަހު އަނބުރާ ވަޑައިގަތީ ދިވެހިންނަށް އުފާވެރި ޚަބަރުތަކާއި އެކުގައެވެ. ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅުގައި އިންޑިއާއިން ރާއްޖެއަށް 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ދޭނެކަން އިއުލާންކުރެވުނެވެ. އަދި ޔޫއޭއީއިންވެސް އެތައް މިލިއަން ޑޮލަރެއްގެ ހިލޭ އެހީ ރާއްޖެއަށް ދޭނެކަން އިއުލާންކުރިއެވެ.
2019 ވަނަ އަހަރު ފެށިގެން އައީ ރާއްޖެއިން ބޭރަށް ދަތުރުކުރާ އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަތަކެއް ހޯއްދަވައިދެއްވާނެކަމަށް މިނިސްޓަރ ވެވަޑައިގެންނެވި ވައުދުފުޅާއެކުގައެވެ. މި ވައުދުފުޅު ކިތަންމެހާވެސް ރަނގަޅަކަށް ފުއްދުނޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. އަވަށްޓެރި އިންޑިއާއިން ފަސޭހަކަމާއިއެކު މިހާރު ދިވެހިންނަށް މެޑިކަލް ވިސާ ލިބެއެވެ. 6 މަސްދުވަހުގެ ތެރެއިން 90 ދުވަހު ވިސާއަކާއި ނުލައި ބޭސްފަރުވާކުރުމަށް މަޑުކުރެވެއެވެ. މެޑިކަލް ވިސާ ނަގާއިރު ކައިރީގައި ހުންނަ އެހީތެރިޔާއަށް ފަސޭހަކަމާއިއެކު ވިސާ ލިބެއެވެ. އިންޑިއާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއިއެކު މިހާރު ވިސާލިބެއެވެ.
އަވަށްޓެރި ސްރީލަންކާއަކީ ދިވެހިންގެ ދެވަނަ ވަޒަނެވެ. މާލެ ފިޔަވައި ދިވެހިންގެ އެންމެ ބޮޑު އާބާދީއެއް އޮތީ ލަންކާގެ ކޮޅުނބުގައެވެ. އެތަނުގައި ތިބި ދިވެހި އާއިލާތަކުގެ ކުރިއަށްވުރެ ގިނަ މެމްބަރުންނަށް މިހާރު ވިސާ ލިބެއެވެ. މަޝްހޫރު މާމަކާފަ ވިސާ ލިބޭނެކަން އިއުލާންކުރެއްވީ ސީދާ ލަންކާގެ އޭރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ.
ދިވެހިންނަށް ލުއިފަސޭހަކަމާއިއެކު، ކުރިން ވިސާ ނެގުމެއް ނެތި ޔޫއޭއީއަށާއި، ތައިލެންޑަށާއި ރަޝިޔާއަށް މިހާރު ދަތުރުކުރެވޭނެއެވެ. އަދި ދާދި އަވަހަށް މޮރޮކޯއަށްވެސް ވިސާ ނެތި ދަތުރުކުރެވޭނެއެވެ. ހަމައެއާއުއެކު ވިލާތުގެ އިއްތިޙާދުގެ ގައުމުތަކަށް އެތެރެވުމަށް ބޭނުންވާ ޝެންގެން ވިސާ ހޯދުމަށް އަވަށްޓެރި ލަންކާއަށް ކުރަންޖެހޭ ދަތުރު މިވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ. އަންނަ މާޗްމަހުން ފެށިގެން މާލެއިން ޝެންގެން ވިސާ ހަމަޖެހިގެން ދާނެއެވެ. ދެތިން ފަހަރަކު ޖަރުމަންވިލާތަށް ޝާހިދު ވަޑައިގަތުމުން އެކަމަށް ފާޑުކީ ފަރާތްތަކަށް، އެގައުމަށް ޝާހިދު ވަޑައިގެން ކުރެއްވި ކަންތައް އެހެރީ މިހާރު ފެންނާށެވެ.
ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި ސަރުކާރަށް ވީވަރަކުން އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. ލަންކާގައި ބޮން ގޮވި ހާދިސާއާއި، ޓްރިވެންޑްރަމްގައި ހިނގި އެތައް ހާދިސާ ތަކެއްގައި ހަގީގަތުގައިވެސް ސަރުކާރުގެ އެހީތެރިކަމަށް ބޭނުންވި ވަގުތު އެހީތެރިކަން ލިބުނު ފަރާތްތަކަށް އެކަން އެނގޭނެއެވެ. ރާއްޖެއިން ބޭރުގައި ހުންނަ ދިވެހި އެމްބަސީތަކަކީ ސިޔާސީ ފަރާތްތައް އަރުވާލާ ތަނަކަށް ނުވަތަ، ސިޔާސީ މީހުންނަށް ބޭކާރު ވަޒީފާ ދޭތަނެއްގެ ބަދަލުގައި އެތަންތަނުން ދިވެހިންނަށް ޚިދުމަތް ދޭތަން މިހާރު އެހެރީ ފެންނާށެވެ.
ޚާރިޖިއްޔާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިނިސްޓަރ ޝާހިދުވަނީ 81 ގައުމެއްގެ މަތީ ފެންވަރުގެ ވެރިންނާއި ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި 11 ގައުމެއްގެ ރައީސުންނާއި، 13 ގައުމެއްގެ ބޮޑުވަޒީރުންނާއި، ފަންސާސް އެތައް ގައުމެއްގެ ހާރިޖީ ވަޒީރުންނާއި، 39 ގައުމެއްގެ ސަފީރުން ހިމެނެއެވެ. އަދި 23 ގައުމަކަށް ވަޑައިގެންފައިވާއިރު، މިއިން ކޮންމެ ދަތުރުފުޅަކުން ނަތީޖާ ނެރުއްވާފައިވެއެވެ. މިއަހަރު ތެރޭގައި ރާއްޖެއަށް ވެއްވި 3.2 ބިލިއަން ރުފިޔާގެ ހިލޭ އެހީއަކީ މީގެ ހެއްކެކެވެ.
މިއަދުގެ ދުނިޔޭގައި ޔާމީން ގެންގުޅުއްވި ހާރިޖީ ސިޔާސަތު ނުހިނގާނެއެވެ. ޔާމީން ފެއިލްވި އެއް ސަބަބަކީ އެއީއެވެ. ދުނިޔޭގެ ދެ ބާރު ކަމަށްވާ ޗައިނާއާއި އިންޑިއާ ޖައްސަން އެދެމެދަށް ވަދެގެން ރާއްޖެއަށް ލިބޭނެ މޮޅެއް ނޯންނާނެއެވެ. ކައިރީގައި އޮތީ އިންޑިއާ ކަމަށްވީތީ، އިންޑިއާއަށް އިސްކަން ދީގެން، ހަމައެއާއިއެކު ޗައިނާއަށް ދޭން ޖެހޭ އިހްތިރާމް ދީގެން މިއަދުގެ ސަރުކާރު އޮތުމުން އެއްބަޔަކާއިވެސް މޫނު ނުޖެހި އެބަ ތިބެވެއެވެ. މިއީ ކާމިޔާބު ހާރިޖީ ސިޔާސަތެވެ.
ޑިޕްލޮމެސީގައި ކުރި ހޯދިއިރު، ޚާރިޖިއްޔާއިން ވަނީ މިނިމުނު އަހަރުތެރޭ އެހެން ކުރިއެރުންތައްވެސް ހޯދާފައެވެ. އެގޮތުން ޓްރާންސްޕޭރެންސީ އަށް ބަލާއިރު، ދައުލަތުގެ އެންމެ ދެފުށް ފެންނަ ގޮތަށް ހިންގާ އެއް މިނިސްޓްރީއަކީ ފޮރިން މިނިސްޓްރީއެވެ. ޝާހިދު ދަތުރުކުރައްވާތީ މީހުން އެއްޗެހި ކިޔަނީ އެމަނިކުފާނު ދަތުރުކުރައްވާކަން މީހުންނަށް އެނގޭތީއެވެ. އެކަން މީހުންނަށް އަންގާތީއެވެ. ކޮންމެ ދަތުރުފުޅަކާއި ގުޅިގެން މިނިސްޓްރީއިން ޓްވީޓްކޮށް، ފޭސްބުކަށް ލައި، އިންސްޓަގްރާމްކޮށް ހަދާއިރު، މިނިސްޓަރވެސް ހަމަ އެސްޕީޑްގައި ޓްވީޓްކުރައްވައި ފޭސްބުކަށް އެދަތުރެއްގެ އަޕްޑޭޓްތައް ލައްވައެވެ. އެހެންކަމުން ސިއްރުކުރުމެއް ނެތި ކުރައްވާ އެކަންތަކަށް ފާޑުކިޔުންވެސް އަމާޒުވަނީއެވެ.
އަނެއްކަމަކީ އަންހެނުން ބާރުވެރިކުރުވުމުގައި ފޮރިން މިނިސްޓްރީއިން ހޯދާފައިވާ ކާމިޔާބީއެވެ. 17 ޑިޕްލޮމެޓިކް މިޝަންއެއް ބޭރުގައި ހުރި އިރު، 8 މިޝަންއެއް ހިންގަވަން ތިއްބަވަނީ އަންހެން ބޭފުޅުންނެވެ. އދ އަށް ކަނޑައަޅާފައިވާ ދެ މިޝަންގައި ސަފީރުންނަށްވެސް އަދި ސަފީރުންގެ ނައިބުންނަށްވެސް ތިއްބެވީ އަންހެން ބޭފުޅުންނެވެ. ޗައިނާ އާއި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތްފަދަ މުހިއްމު ގައުމުތަކުގެ ސަފީރުންގެ ގޮތުގައި ތިއްބެވީ އަންހެން ބޭފުޅުންނެވެ. މިނިސްޓްރީގެ އެންމެ އިސްވެރިންގެ 40 އިންސައްތައެއްހާ ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. އެހެންކަމުން މިކަމުގައިވެސް އެމިނިސްޓްރީ ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ.
ދެން އޮތީ ކުރިއަށް އޮތް އަހަރަށް ބެލުމެވެ. މި އެއް އަހަރު ފެނިގެން ދިޔައީ ބޭރުގެ ގައުމުތަކާއިއެކު ކެނޑިފައި އޮތް ގުޅުން އަލުން ހަރުދަނާކުރިތަނެވެ. ކުރިއަށް މިއޮތް އަހަރު، މި ގުޅުންތަކުން ނެރެވެނީ ކޮން ނަތީޖާއެއްތޯ ދިވެހިން ތިބީ ބަލަބަލައެވެ.