އެވެޓަން އާއި ދާދިފަހުން ގުޅުނު އިޓަލީގެ ކާލޯ އެންޗެލޮޓީ އެވެޓަން އާއިއެކު ޔޫރަޕްގެ ބޮޑު މުބާރާތެއްގައި ކުޅެން ބޭނުންވާކަމަށް އޭނާ ބުނެފިއެވެ.
ދާދިފަހުން އެންޗެލޮޓީ މީޑިއާއަށްދިން އިންޓަވިއުއެއްގައި އޭނާ ބުނީ އޭނާގެ އަމާޒަކީ އެވެޓަން އާއިއެކު ޗެމްޕިއަންސް ލީގު ނުވަތަ ޔޫރަޕާ ލީގު ކުޅެން ކަމަށެވެ. އޭނާ އިތުރަށް ބުނީ އޭނާ ބޭނުންވަނީ އާންމުން ހީނުކުރާފަދަ ބޮޑު މުބާރާތަކަށް އެވެޓަން ގެންދިއުން ކަމަށާއި އެކަންކުރަން ތައްޔާރަށްހުރި ކަމަށެވެ.
އެންޗެލޮޓީ ވަނީ އޭނާގެ ކޯޗިން ކެރިޔަރުގައި ޗެމްޕިއަންސް ލީގު ތިން ފަހަރު ހޯދައިފައެވެ. އޭގެތެރެއިން ދެ ފަހަރު އޭސީ މިލާން އާއިއެކު ޗެމްޕިއަންސް ލީގު ހޯދިއިރު ތިން ވަނަ ޗެމްޕިއަންސް ލީގު އޭނާ ހޯދީ ޔޫރަޕްގެ ގަދަ ބާރު ރެއާލް މެޑްރިޑާއި އެކުގައެވެ.
އެވެޓަން އާއި އެކު ޗެމްޕިއަންސް ލީގު ނުވަތަ ޔޫރަޕާ ލީގުކުޅެން ދުވަސްތަކެއް ނަގާނެ ކަމަށާއި ނަމަވެސް ބުރަ މަސައްކަތާއިއެކު ވާސިލްވާން ބޭނުންވާ ހިސާބަށް ވާސިލްވެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އެންޗެލޮޓީ ބުންޏެވެ.
އެވެޓަން އާއި ގުޅުމަށްފަހު އެންޗެލޮޓީ ބުނީ އޭނާ ބޭނުންވަނީ ޗެލެންޖުތަކާއި ކުރިމަތިލާން ކަމަށާއި އެވެޓަންގައި މިހާރު އޮތީ ރަނގަޅު ސްކޮޑެއް ކަމަށާއި ޕްރިމިއާ ލީގުގައި ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. މީގެއިތުރުން އެންޗެލޮޓީ ބުނީ އެވެޓަން ވެގެންދާނީ ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ލީގުގެ ގަދަ ހަތަރަކަށް ވާދަ ކުރާ ޓީމަކަށް ކަމަށާއި ޔޫރަޕްގެ ބޮޑު މުބާރާތް ތަކުގައި އެވެޓަން އިން ވާދަ ކުރާނެ ކަމަށެވެ.