ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ހިންގި ހަރަކާތްތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް ހޯމް މިނިސްޓްރީ އަށް އެ ކޮމިޝަނުން ވަދެއްޖެ އެވެ.
"މިނިވަން 50" ގެ ނަމުގައި 2015 ވަނަ އަހަރު ހިންގި ހަރަކާތްތަކާ ގުޅިގެން ގިނަ އަދަދެއްގެ ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީ އަށް ހުށަހަޅާފައި ވެއެވެ. މިނިވަން 50 ގެ ހަރަކާތްތައް އިންތިޒާމްކޮށް ކުރިއަށް ގެންދިޔައީ ހޯމް މިނިސްޓްރީންނެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ހޯމް މިނިސްޓްރީއަށް ވަނީ މިނިވަން 50 އާ ގުޅިގެން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ލިޔެކިޔުންތައް ހޯދުމަށެވެ. އަދި އެ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އެތައް ފަހަރެއްގެ މަތިން ހޯމް މިނިސްޓްރީގައި އެ ކޮމިޝަނުން އެދިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަތަކުގެ ތަހުގީގުގައި ކުރާ ކަންތައްތައް މީޑިއާއާ ހިއްސާ ނުކުރާ ކަމަށެވެ.
މިނިވަން 50 ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގެ ބައެއް މަސައްކަތްތައް ބިޑް ކުރުމެއް ނެތި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާ ހަވާލުކުރި މައްސަލަ އާއި، ކަޅުއޮށްފުންމި ބަނުމަށް ކުންފުންޏަކާ ހަވާލުކުރި މައްސަލަ ފަދަ އެތައް މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.
މީގެ އިތުރުން މިނިވަން 50 ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ކޭޓަރިން ނިއުޕޯޓް ރެސްޓޯރެންޓާ ހަވާލުކުރި މައްސަލަ ވެސް އެ ކޮމިޝަނުން ބެލި އެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނިއުޕޯޓް ރެސްޓޯރެންޓާ ޖާފަތުގެ މަސައްކަތް ހަވާލުކުރި މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީން ފޮނުވި އެވެ.
މުންދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރަން ފޮނުވުމުން، ހަފްތާއެއްގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް ވަނީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ނިންމާފަ އެވެ. އޭގެ ފަހުން ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމުގެ މަގާމަށް މުންދު ވަނީ އައްޔަން ކޮށްފަ އެވެ.
އޭސީސީން ބުނެފައި ވަނީ ނިއުޕޯޓަކީ އެފަދަ ޖާފަތެއް ތައްޔާރުކުރުމުގެ އެއްވެސް ކަހަލަ ތަޖުރިބާއެއް ނެތް ބަޔަކަށް ވާއިރު އެ މީހުން ގާބިލް ކަމަށް ވެސް ނުބަލާ އެ ޕްރޮޖެކްޓް އެފަރާތާ ހަވާލުކުރަން މުންދު އަންގާފައި ވަނީ، ރައީސް ވިދާޅުވެގެން ކަމަށް ބުނެ ދޮގު ހަދައިގެން ކަމަށެވެ. އަދި އެއީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާނެ ގޮތަކަށް އަމަލު ކުރުން ކަމަށް އޭސީސީގެ ތަހުގީގުގައި ވަނީ ނިންމައިފަ އެވެ.