ބްރެޒިލްގެ ފްލެމިންގޯ ބަލިކޮށް ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ ލިވަރޕޫލުން ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ލިވަރޕޫލުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އިރު މި މަގާމުގައި ވޭތުވެދިޔަ ތިން އަހަރު އޮތީ ރެއާލް މެޑްރިޑްއެވެ. އެގޮތުން ރެއާލް މެޑްރިޑުން ކްލަބް ވޯލްޑް ކަޕް ޗެމްޕިއަން ބެޖު 1097 ދުވަސް ވަންދެން ބޭނުން ކޮށްފައިވެއެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ.
ލިވަރޕޫލުން ފްލެމިންގޯ ބަލިކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަ ވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ލިވަރޕޫލަށް ވަނީ ރަނގަޅު ތިން ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ފުލުފުލުގައި ލިވަރޕޫލުން ފޮނުވާލި ތިން ހަމަލާ ފްލެމިންގޯގެ ހުށިޔާރު ޑިފެންޑަރުން ވަނީ މަތަ ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ މެދު ތެރެއިން ފްލެމިންގޯއިން ވަނީ މެޗުގެ ތެރެއަށް ވަދެ ލިވަރޕޫލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ލިވަރޕޫލުން ވަނީ ފްލެމިންގޯގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މި ހާފުގައި ލިވަރޕޫލްގެ ބްރެޒިލް ފޯވާޑް ފިރްމީނިއޯގެ ހަމަލާއެއް ހުރަސް ދަނޑިއަށް އަމާޒުވީއިރު، ލިވަރޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހުގެ ހަމަލާއެއް ވަނީ ދަނޑި ކައިރިން ބޭރަށް ގޮސްފައެވެ.
މެޗުގެ 90 މިނެޓު ހަމަވެގެން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ފިރްމީނިއޯ ވަނީ ލިވަރޕޫލަށް ލަނޑު ޖަހައިދީ ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން އެޓީމަށް ހޯދައިދީފައެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ލިވަރޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ދުނިޔޭގެ ޗެމްޕިއަންކަން ލިބުމުން ކުރެވެނީ ވަރަށް އެހެން ކަހަލަ އިހުސާސެއް ކަމަށާއި މި ކާމިޔާބީގެ ޝުކުރު ކުޅުންތެރިންނަށް ހައްގު ކަމަށެވެ.
މިއަހަރުގެ ކްލަބް ވޯލްޑް ކަޕް ލިވަރޕޫލުން ކާމިޔާބުކުރި އިރު ލިވަރޕޫލަކީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެ ވަނަ ކްލަބެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިނގިރޭސި ފުރަތަމަ ކްލަބަކީ 2008 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ޔުނައިޓެޑެވެ.