51 ވަނަ ގައުމީ ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެމްކޯ ބަލިކުރުމަށްފަހު ޕޮލިހުން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދީ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ވެމްކޯ އާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގެ ކުޅުން ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓު ނިމިގެންދިޔައީ 27-25 އިންނެވެ. ފުރަތަމަ ސެޓާއި ހިލާފަށް ފަހު ދެ ސެޓުގައި ޕޮލިސް ކްލަބް ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ޖެހެގެން އައި ދެ ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-19 އަދި 25-18 އިންނެވެ.
ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިގެންދިޔައީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޕްރަތީބާ މާލީ އެވެ.
މި މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ހޮވިގެންދިޔައީ ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ އެވެ. އެންމެ މޮޅު މިޑިލް ޕްލޭޔާރ އަކަށް ހޮވިގެންދިޔައީ ކްލަބް ވެމްކޯގެ އާއިމިނަތު އަރީޝާ އެވެ. އަދި އެންމެ މޮޅު ސެޓަރަކަށް ޕޮލިސް ކްލަބްގެ ފާތިމަތު ޖޫޒާން ޒަރީރު ހޮވުނުއިރު، އެންމެ މޮޅު ލިބެރޯއަކަށް ހޮވިގެންދިޔައީ ޕޮލިހުގެ ނުހާ ވަހީދެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ ޝަހާ ޝާމިންއެވެ.
ގައުމީ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގެ އެންމެ ފަހުގެ ޗެމްޕިއަނުން އަކީ ވެސް ޕޮލިސް ކްލަބް އެވެ.