Advertisement
ކ. މާލެ
|
20 މާރޗް 2017 | ހޯމަ 15:47
އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު
އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތިހާބު
އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް
ގައުމީ ލަފާދޭ ކޮމެޓީގެ މަޝްވަރާއެއް ހޯދުމަށް ބައްދަލުވުން ބޭއްވިއިރު، ކޮމިޝަނުންވަނީ އިންތިހާބު ފަސްކުރަން ނިންމާފަ

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން ކުރިން ނިންމި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރީ އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާދޭ ކޮމެޓީއަށް އޮޅުވާލުމަށް ފަހު ކަމަށް އެކޮމެޓީގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

 

އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވޯ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން ގައުމީ ލަފާދޭ ކޮމެޓީގައި ވަރަށް ބޮޑު އޮޅުވާލުމެއް އޮޅުވާލާފައިވާ ކަމަށެވެ. އަނަސް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ 20:00 ޖަހާއިރަށް ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ކުއްލި ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން އެންގި ކަމަށެވެ.

 

އެބައްދަލުވުމަށް ވަޑައިގެންނެވިއިރު 20:15 އަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާކަން އެނގުމުން ކޮންމެވެސް ކަންތައްގަނޑެއް ހިނގާ ކަމަށް ގަބޫލު ކުރެވުނު ކަން ފާހަގަކުރައްވަމުން އަނަސް ވިދާޅުވީ ބައްދަލުވުން ފެށުމާއެކު މިހާރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން އިންފްލުއެންޒާއާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ލިޔުމެއް އިއްވި ކަމަށެވެ.

 

އެލިޔުމުގައި ސާފުކޮށް އިންތިހާބު ފަސްކުރުމަށް އެޗްޕީއޭއިން އެދިފައިނުވާ ކަމަށާއި އަދި ބައްދަލުވުން ފެށުމާއެކު އެ ބައްދަލުވުމުގެ އެޖެންޑާ ލިބުނުއިރު އޭގައި ވަނީ ގައުމުގެ ހާލަތާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހަކާ މެދު މަޝްވަރާ ކުރުން ކަމަށް އަނަސް ވިދާޅުވި އެވެ.

 

އަނަސް ވިދާޅުވީ އިންތިހާބު ފަސްކުރުމާ މެދު ގޮތެއް ނިންމާނީ ގައުމީ ލަފާދޭ ކޮމެޓީގެ މަޝްވަރާގެ މަތިން ކަމަށް ސުލައިމާނު ވިދާޅުވި ކަމަށެވެ. ނަމަވެސް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން އިންތިހާބު ފަސްކުރުމާ މެދު ކަންބޮޑުވުންތައް ހިއްސާކުރަމުންދަނިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުސްތަފާ އާއި ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް އެބައްދަލުވުމުން ނިކުމެ ވަޑައިގެންނެވި ކަމަށެވެ. އަދި އޭގެ ފަހުން އެ ދެ ބޭފުޅުން ކޮމިޝަންގެ އެހެން ތަނެއްގައި ޕްރެސްކޮންފަރެންސެއް ދެމުންދިޔަ ކަމަށާއި އެ ޕްރެސްކޮންފަރެންސްގައި، ގައުމީ ލަފާދޭ ކޮމެޓީގެ މަޝްވަރާގެ މަތިން އިންތިހާބު މެއި 6 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް އިއުލާން ކުރެއްވި ކަމަށެވެ.

 

އަނަސް ވިދާޅުވީ ގައުމީ ލަފާދޭ ކޮމެޓީގެ އެބައްދަލުވުމުގައި އިންނަވަނިކޮށް، ފޯނަށް އައިސް މެސެޖްތަކުން އެކަން އެނގުމުން، ސުލައިމާނު އަރިހުގައި މިވަނީ ކީއްހޭ ވިދާޅުވުމުން، އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމެއް ހަމައެރޭ 19:30ގައި ބާއްވާ، އިންތިހާބު ފަސްކުރަން ނިންމާފައިވާ ކަމަށް ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު ވިދާޅުވި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް