ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް އަދި ނިލަންދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ފަސޭހަ ކަމާއި އެކު ޓީސީ އިން ކާމިޔާބު ކޮށްފިއެވެ.
ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗުން ޓީސީ މޮޅުވީ 4-0 ގެ ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ޓީސީގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ފެނިގެންދިޔައިރު މެޗުގެ ވަރަށް ކުރީ ކޮޅު ޓީސީ އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. މި ލަނޑާއެކު ވެސް ޓީސީ އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް ނިލަންދޫ ކޮޅަށް ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ޓީސީގެ އިސްމާއިލް އީސަ (މެސީ) ވަނީ ލަނޑު ޖަހާ ޓީސީ އަށް ލީޑު ފުޅާ ކޮށްދީފައެވެ. އަދި މެޗު ނިމުމުގެ ކުރިން މެސީ ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ 3-0 ކަށް ބަދަލުކޮށްލައިފައެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ލަސް ކުޅުމެކެވެ. ނަމަވެސް ޓީސީ އިން ވަނީ މެޗުގެ ދެވަނަ ހާފު ކުރީ ކޮޅު ލަނޑެއްޖަހާ ހަމަޖެހިލައިފައެވެ. މި ލަނޑު މެޗުގެ 47 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކުރި ސައްޓު އެވެ.
މި މެޗުންވި މޮޅާއި އެކު ޓީސީ ވަނީ 10 މެޗުން 19 ޕޮއިންޓް ހަމަކޮށް، ތިންވަނައިގައި އޮތް ކްލަބް ގްރީންސް ސްޓްރީޓްސް އާއި ޕޮއިންޓަކާ ގާތަށް ޖެހިލައިފައެވެ. ގްރީންއަށް 12 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ.
މި މެޗަކީ ޓީސީ ސްޕޯޓްސް ކްލަބާއި ދާދިފަހުން ގުޅުނު ކޯޗު މުހައްމަދު ޝާޒްލީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ.