ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރާތާ ދޮޅު އަހަރު ވެއްޖެ އެވެ.
އެ މަގާމުގައި ބޭފުޅަކު ހުންނެވީ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި ހިސާބަށެވެ. އެއަށް ފަހު އެމަގާމަށް ބޭފުޅަކު އަދި އައްޔަނެއް ނުކުރެ އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސް ޑައިރެކްޓަރޭޓްގެ ކަންކަން ބަލަހައްޓަނީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ކަމަށެވެ. ނަމަވެސް އިންޓެލިޖެންސުން ދުވަހުން ދުވަހަށް ހިންގާ ކަންތައް ބަލަހައްޓަނީ ޑެޕިއުޓީ ހެޑް ކަމަށް ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސް ޑައިރެކްޓަރޭޓް މިހާރު ހިންގަމުންދަނީ "ސްޓަރަކްޗަރަލް ޗޭންޖެއްގެ" ދަށުން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ރިޔާސީ ލޯންޗުކޮޅުގައި ބާރުގަދަ އެއްޗެއް ގޮއްވާލުމާ ގުޅިގެން އޭރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހުސައިން ވަހީދު މަގާމު ވަކިކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އޭރު ފުލުހުންގެ އިންޓެލިޖެންސް ހެޑަކަށް ހުންނެވި އަހުމަދު އަރީފް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރައްވާފަ އެވެ.
އަރީފް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރިފަހުން ފުލުހުންގެ އިންޓެލިޖެންސް ވެރިޔާގެ ގޮތުގައި ވަކި ފަރާތެއް ހަމަޖައްސާފައެއް ނުހުރެ އެވެ.
އެމްއެމްޕީއާސީގެ ހިޔާނަތަކީ މިހާތަނަށް ދައުލަތުގެ ފައިސާއިން ކޮށްފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ހަމަ އެދުވަސްވަރު އެމްއެމްޕީއާރުސީގެ މައްސަލައިގެ އިތުރުން، ރިޔާސީ ލޯންޗުގައި ބާރުގަދަ އެއްޗެއް ގޮއްވާލުމާއި ގުޅިގެން އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާ އުފުލާ ކްރިމިނަލް ކޯޓުން ވަނީ ކުށްސާބިތުވާ ކަމަށް ނިންމާ އަދީބު ޖަލަށްލުމަށް ހުކުމް ކޮށްފަ އެވެ.
މީގެއިތުރުން ސިފައިންގެ ބަޑި ގުދަނުން ހަތިޔާރު ގެއްލި މާލޭގައި ވަނީ ކުއްލި ނުރައްކަލު ހާލަތު އެދުވަސްވަރު އިއުލާނު ކުރެވިގެން ދިޔައެވެ. ހަމަ އެދުވަސް ވަރު ބ. ހިބަޅިދޫ ކައިރިން ކަނޑުއަޑިން ސިފައިން ވަނީ ހަތިޔާރުތަކެއް ވެސް ހޯދާފަ އެވެ.
އެހުރިހާކަމެއް ހިނގާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން މަނީ ލޯންޑްރިން މައްސަލަތަކެއްގެ ތުހުމަތުތަކެއް ކުރެވި ދުނިޔޭގެ މީޑިއާގައި އެވާހަކަތައް އާއްމު ވެގެން ދިޔައެވެ.
އެމްއެމްޕީއާރު މައްސަލައާއި ރިޔާސީ ލޯންޗްކޮޅުގައި ބާރުގަދަ އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ރައީސް ޔާމީން ގައުމާ މުހާތަބު ކުރައްވާ ވިދާޅުވި ވާހަކަފުޅުގައި ފުލުހުންނަށް އިތުބާރު ނުކުރައްވާ ކަމުގެ އިޝާރާތެއްވެސް ކުރައްވާފައިވެއެވެ. ފުލުހުންގެ މުއައްސަސާގެ ތެރެއަށް ނުފޫޒު ވަދެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.
ދިވެހި ފުލުހުންގެ އިންޓެލިޖެންސް ހެޑެއް ނެތްއިރު، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެ ވަޑައިނުގެންނެވީ ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބިވަޑައިގެންނެވުމުން ކަމަށް ބުނެ ބޭރުގެ ބައެއް ނޫސްތަކުން ހާމަކޮށްފައިވާ ވާހަކަތައް ދިވެހި ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.