ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ ލަޔޮނަލް މެސީ ކަމަށް ބުނަން ދަތި ކަމަށް މެސީ އާއި އެކު ބާސެލޯނާއަށް ކުޅުނު ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑީނިއޯ ބުނެފި އެވެ.
ރޮނާލްޑީނިއޯ ވަނީ މެސީ އާއި އެކު ބާސެލޯނާގައި ކާމިޔާބު ސީޒަންއެއް ހޭދަކޮށްފައެވެ. މެސީ އާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ރޮނާލްޑީނިއޯ ބުނީ އޭނާ މެސީ އާއި މެދު ފަހުރުވެރިވާ ކަމަށާއި، މެސީ އަކީ ބާސެލޯނާގެ ތަރި ކަމަށާއި އަދި މެސީ އަކީ މި ޖީލުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އެކަމާއި ދެބަސްވާނެ މީހަކު ނުހުންނާނެ ކަމަށެވެ.
ކުޅުންތެރިން އަޅާ ކިޔުމަކީ އޭނާ ކުރަން ބޭނުންނުވާ ކަމެއް ކަމަށް ބުނަމުން ރޮނާލްޑީނިއޯ ބުނީ ފުޓުބޯޅައިގެ ތާރީހުގައި އެންމެ މޮޅު ކުޅުންތެރިޔަކީ ކާކުކަން ބުނުން އެއީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި، ކޮންމެ ޖީލެއްގައި ވެސް މޮޅު އެތައް ކުޅުންތެރިންތަކެއް އުފެދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޑިއެގޯ މަރަޑޯނާ، ޕެލޭ އަދި ރޮނާލްޑޯ އަކީ ފާހަގަ ކޮށްލެވޭފަދަ މޮޅު ކުޅުންތެރިން ކަމަށާއި އެހެން ކަމުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ ކަމަށް ބުނަން އޭނާ އަށް ދަތި ކަމަށެވެ. ނަމަވެސް ހަމަޔަގީނުން ވެސް މި ވަގުތައް ބަލާއިރު މެސީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ރޮނާލްޑީނިއޯ ބުންޏެވެ.
މެސީ ވަނީ ދާދި ފަހުން ކެރިޔަރުގައި ހޯދި ހަވަނަ ބެލެންޑިއޯ ހޯދައިފައެވެ. މި އެވޯޑާއެކު މެސީ ވެގެން ގޮސްފައިވަނީ ބެލެންޑިއޯ 6 ފަހަރު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ދާދި ފަހުން މެސީ މީޑިއާ އަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނެފައިވަނީ އޭނާގެ އުމުރު ދޮށި ކަމަށާއި އެހެން ކަމުން މިހާރު މި ގުނަމުންދަނީ އޭނާގެ ކެރިޔަރުގެ ފަހު ދުވަސްތައް ކަމަށެވެ.
ބެލެވިފައިވާ ގޮތުން 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށްފަހު މެސީ ކުޅުން ހުއްޓައިލާނެއެވެ.