Advertisement
ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 17:30
އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާން އަބްދުﷲ
އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާން އަބްދުﷲ
ގޫގުލް
އިމްރާނުގެ އިސްތިއުނާފް
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި
އިސްތިއުނާފު އަޑުއެހުންތައް މިދިޔަ އަހަރުގެ އޭޕްރީލްގައި ނިމިފަ
ފަނޑިޔާރުންގެ ބެންޗަށް ބަދަލުތަކެއް، އިޖުރާއަތު ފުރިހަމަކުރާ އަޑުއެހުމެއް
އދ. ގެ ވޯކިން ގްރޫޕުގައި މައްސަލަ ދަނީ ބަލަމުން

އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާން އަބްދުﷲ ގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް އަންގާރަ ދުވަހަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

 

ޝެއިޚް އިމްރާންގެ މައްޗަށް ޓެރަރިޒަޒމުގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ، 2015 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ.

 

އިމްރާނުގެ މައްޗަށް މިދިޔަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު އިއްވި ހުކުމް ހަފްތާއެއް ތެރޭގައި ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފަށާފައިވަނީ މާޗް މަހުގެ 24 ވަނަ ދުވަހު އެވެ.

 

އިމްރާނުގެ އިސްތިއުނާފު އަޑުއެހުންތައް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޮތީ ނިންމާލާފަ އެވެ. އަޑުއެހުންތައް ނިންމާލުމަށްފަހު މައްސަލައިގެ ހުކުމް ނުކޮށް، އިސްތިއުނާފު ދިގުދެމިގެންދާތާ 10 މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

 

އެ މައްސަލައިގެ ހުކުމް އިއްވުމަށް މިދިޔަ ފެބްރުއަރީ 8 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް، އެ އަޑުއެހުން ފަހުން ވަނީ ކެންސަލް ކޮށްފަ އެވެ.

 

އިސްތިއުނާފު މައްސަލަ ނުނިމި ދިގުދެމިގެންދާއިރު، މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުޖާއު އުސްމާން ހައިކޯޓުގެ ދެކުނު ގޮތްޕަށް ވަނީ ބަދަލުކޮށްފަ އެވެ.

 

މައްސަލައިގެ އަޑުއެހުންތައް ކުރިން ނިންމާލާފައި އޮތް ނަމަވެސް، ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވާތީ އަންގާރަ ދުވަހުގެ އަޑުއެހުމަކީ އިޖުރާއަތު ފުރިހަމަކުރުމަށް ބާއްވާ އަޑުއެހުމެއް ކަމަށް ބެލެވެ އެވެ.

 

އިމްރާންގެ މައްޗަށް ދަށު ކޯޓުން ހިންގި ޝަރީއަތުގައި އިޖުރާއަތުތައް ފުރިހަަމަކޮށްފައިނުވާ ކަމާއި، ގާނޫނު އަސާސީއާއި ގާނޫނުތަކުގެ އިތުރުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ ހައްގުތައް ކަށަވަރުކޮށްދީފައިނުވާ ކަމަށް ބުނެ، 12 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ވަނީ ހުށަހަޅާފަ އެވެ.

 

އިމްރާންގެ މައްސަލައިގައި އދ. ގެ ވޯކިން ގްރޫޕުން މިހާތަނަށް އަދި ނިންމުމެއް ނިންމާފައިނުވާއިރު، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލައާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލައިގައި ވޯކިން ގްރޫޕުން ވަނީ އެ ދެ ބޭފުޅުން މިނިވަންކުރުމަށާއި ޖަލުގައި ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ގޮވާލާފަ އެވެ. ނަމަވެސް، ސަރުކާރުން ވަނީ އދ. ގެ ނިންމުން ބަލައިނުގަންނަ ކަމަށާއި އެ ގޮވާލުމާ އެއްގޮތަށް އަމަލުކުރުން ލާޒިމް ނޫން ކަމަށް ބުނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް