އަންނަ އަހަރުގެ އޭއެއްފްސީ ކަޕްގެ ގްރޫޕް އީގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިއާގެ ވަރުގަދަ ޗެންނާއީ ސިޓީ އަދި ބަންގާޅުގެ ބަޝުންދަރާ ކިންގްސް ހިމެނެއްޖެއެވެ.
އަންނަ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި އެންމެ ފަހުގެ ދިވެހި ލީގު ޗެމްޕިއަންކަން ހޯދި ޓީސީ ސްޕޯޓްސް ވާދަކުރާއިރު އެންމެ ފަހުގެ ރަނަރަޕް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޕްރިލިމިނަރީ ބުރުގައި ވާދަ ކުރާނެއެވެ. މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ އިން މިއީ މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް 2018 ވަނަ އަހަރު ޓީސީ އިން ވަނީ މި މުބާރާތުގެ ޕްރިމިނަލަރީ ބުރުގައި ވާދަކޮށްފައެވެ.
މިދިޔަ ސީޒަންގެ ދިވެހި ލީގުގެ ރަނަރަޕް މާޒިޔާއިން މި މުބާރާތުގެ ޕްރިމިނަލަރީ ބުރުގައި ވާދަކުރަން ޖެހެނީ ބަންގާޅު ޕްރިމިއާ ލީގުގެ ރަނަރަޕް އަބަހާނީ ލިމިޓެޑް ޑާކާއާއެވެ.
މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ފެބްރުއަރީ މަހު 5 އަދި 12 ވަނަ ދުވަހު އެވެ. ފެބްރުއަރީ ފަސްވަނަ ދުވަހު ޑާކާގައި ކުޅެން ޖެހޭއިރު ފެބްރުއަރީ 12 ވަނަ ދުވަހު މާޒިޔާއިން ނިކުންނާނީ އަމިއްލަ ގައުމުގައެވެ. މި ދެލެގުން މާޒިޔާ އަށް ކުރި ލިބިއްޖެނަމަ މަޒިޔާއަށް މުބާރާތުގެ ޕްލޭއޮފްގެ ޖާގަ އެއް ލިބޭނެއެވެ.
އޭއެފްސީ ކަޕްގައި ރާއްޖޭގެ ޓީމަތަކުން ބައިވެރި މިވަނީ އަހަރެއްގެ މެދު ކެނޑުމަކަށް ފަހުގައެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ރާއްޖޭގެ ޓީމަކަށް ދެވިފައިވަނީ އެންމެ ދެފަހަރެވެ. އެއީ 2005 ވަނަ އަހަރުގަ އާއި 2013 ވަނަ އަހަރެވެ. މި ދެއަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ގޮސްފައިވަނީ ނިއުރޭޑިއަންޑް ސްޕޯޓްސް ކުލަބެވެ. އަދި 2005 ވަނަ އަހަރު ނިއުރޭޑިއަންޓުން ވަނީ މި މުބާރާތުގެ ތިންވަނަ ހޯދައިފައެވެ. މި އާއެކު ނިއުރޭޑިއަންޓް ވެގެން ގޮސްފައިވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށެވެ.