ގައުމަށް ރީތި ނަން ހޯދާ ކުޅުންތެރިންގެ އަގު ވަޒަންކުރަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.
"ސައުތް އޭޝިއަން ގޭމްސް 2019" ގައި ބައިވެރިވެ ބައެއް ޓީމުތައް ރާއްޖެ އައުމުން ޓީމަށް މަރުޙަބާ ކިއުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޚްލޫފް ވިދާޅުވީ މި ސަރުކާރު ފެށިގެން އައި އިރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އެންމެ ބޮޑު ސިޔާސަތަކަށްވީ ކުޅިވަރުގައި ދެޖިންސުގެ ތަފާތު ކުރުން ނައްތާލުން ކަމަށާއި އެގޮތުން އެތްލީޓުންނަށް އިނާމު ދިނުމުގައި ދެޖިންސުގެ ތަފާތުކުރުން ވަނީ ނިމުމަކަށް ގެނެސްފައި ކަމަށެވެ.
މިއަދު ކެރަމް އާއި އެތްލެޓިކްސް އާއި ފުޓުބޯޅައަކާ ތަފާތެއ ނުވާނެ. އެ ހުރިހާ އެންމެ މުސާރަވަވެސް ހުންނާނީ އެއްވަރުވެފައި.މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް
މަޚްލޫފް ވިދާޅުވީ ހުރިހާ ކުޅިވަރު އެސޯސިއޭޝަން ތަކަށް މަދުވެގެން 5 ލައްކަ ރުފިޔާ ދެއްވާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިނަމަވެސް މިއަހަރުގެ މިހާތަނަށް އައިއިރު 90 މިލިއަނާއި ގާތްކުރާ ޢަދަދަކަށް ފައިސާ ޚަރަދުކުރެވިފައިވާ ކަމަށާއި އެއީ 200 ގުނަ އިތުރު ޢަދަދެއް ކަމަށެވެ.
އިނާމުގެ ފައިސާގެ ވާހަކަ ދެއްކެވެމުން ފާޑުކިއުންވެސް ޢަމާޒުވިކަން ފާހަގަ ކުރައްވާ މަޚްލޫފް ވިދާޅުވީ ގައުމަށް ރީތި ނަން ހޯދުމަށް ކުޅުންތެރިން ވަރަށް ބުރަ މަސައްކަތްތަކެއް ކުރާ ކަމަށާއި އެހެންކަމުން އެހެން ގައުމުތަކުގައިވެސް ފާހަގަ ކުރާފަދައިން ގައުމަށް ރީތި ނަން ހޯދުމުން ރާއްޖޭގައިވެސް އެކަން ފާހަގަ ކުރަންޖެހޭ ކަމަށެވެ. ކުޅުންތެރިން ހޯދި ކާމިޔާބީއާ އެއްވަރަށް ހިތްހަމަޖެހިލައިގެން ތިބޭ ވަރުގެ ފައިސާގެ އިނާމު އެކުދިންނަށް ދީފައިވާނެކަމަށެވެ.
މީގެ ކުރިން ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ލިބިފައިވަނީ ދެ އަހަރެއްގެ މަތިން ޖުމުލަ 4 މެޑަލް ކަމަށާއި ނަމަވެސް މިއަދު މިވަނީ އެންމެ އަހަރެއްގެ ތެރޭގައި 5 މެޑަލް ހޯދިފައި ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އުއްމީދަކީ 2021 ވަނަ އަހަރު އޮންނަ ސައުތު އޭޝިއަން ގޭމްސްގައި ތަފާތު އަދި ސަޕްރައިޒިން ނަތީޖާއަކަށް ދެވޭނެ ގޭމްސް އަކަށް ވެގެންދިއުން ކަމަށާއި މީގެ އިތުރުން 2023 ގައި ރާއްޖެގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، އެ ތަފާތު ނެރެވޭނެ ގޭމްއަކަށް ވެގެން ދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.