ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖެއަށް ދެ މެޑަލް ހޯދައިދިން ހަސަން ސާއިދު އަންގާރަ ދުވަހު އެނބުރި ޤައުމަށް އަންނާނެ އެވެ.
މިއަހަރުގެ ގޭމްސްގައި ސާއިދު ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދީފައެވެ. މިއީ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ އެތްލީޓަކު ކާމިޔާބުކުރި ފުރަތަމަ ރަން މެޑައްޔެވެ.
100 މީޓަރު ދުވުމުގެ ފައިނަލް ހީޓު ސާއިދު ނިންމީ 10.49 އިން ރޭސް ނިންމައިގެންނެވެ. ސާއިދު އާއި އެންމެ ގާތުން ވާދަކުރީ ސްރީލަންކާގެ ދުވުންތެރިޔެކެވެ. އޭނާއަށް ރޭސް ނިންމާލެވުނީ 10.50 އިންނެވެ.
100 މީޓަރުގެ ދުވުމުގެ އިތުރުން ސާއިދުވަނީ 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފައެވެ. 200 މީޓަރު ދުވުމުން އެއްވަނަ އަށް ދިޔަ ޕާކިސްތާނުގެ ދުވުންތެރިޔާ އުޒްއިރް ރަހްމާން ދުވުން ނިންމީ 21.15 ސިކުންތުންނެވެ. އަދި ދެވަނަ އަށް ދިޔަ ސްރީލަންކާގެ ބާރު ދުވުންތެރިޔާ ވިނޯޖް ރޭސް ނިންމައިފައިވަނީ 21.19 ސިކުންތުންނެވެ.
އަންގާރަ ދުވަހު ހެނދުނު ސައުތު އޭޝިއަން ގޭމްސްގެ ކޮންޓިންޖެންޓް މާލެ އައުމަށް ހަމަޖެހިފައިވާއިރު، މަރުހަބާ ކިޔުމުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އެއް ނަމްބަރު ފާލަން ސަރަހައްދުގަ އެވެ. މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފަިއވަނީ ހެނުނދު 9:45 ގައިކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މިއީ 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ހޯދި ރަން މެޑަލްއަށްފަހު ބައިނަލްއަގްވާމީ މަލްޓި ގޭމްސްއަކުން ރާއްޖެއަށް ލިބުނު އެންމެ ބޮޑު ޝަރަފެވެ. މި ކާމިޔާބިއާއެކު ސާއިދު ވެގެންގޮސްފައިވަނީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އެންމެ ކާމިޔާބު އެތްލީޓުގެ ގޮތުގައެވެ.