އިނގިރޭސި ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށް ޔޫރަޕުގެ ވަރުގަދަ ބާރު ތަކާއި ދެކޮޅަށް ކުޅޭ މެޗުތަކުން ބަލި ވެދާނެ ކަމަށާއި އަދި އެކަން ގަބޫލުކުރާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ވާދަވެރި މެންޗެސްޓަރ ޑަރބީ އިން ޔުނައިޓެޑް އަތުން 2-1 ނަތީޖާ އަކުން ބަލިވި މެޗަށްފަހު ގާޑިއޯލާ ބުނީ ޔުނައިޓެޑް އަތުންވި ބަލި ގަބޫލު ކުރަން ޖެހޭ ކަމަށާއި، އެ ބައްޔާއެކު ކުރިޔަށް ދާން ޖެހޭ ކަމަށެވެ. ޔުނައިޓެޑަކީ މޮޅު ޓީމެއްކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ، ޔުނައިޓެޑަކީ މޮޅަށް ޑިފެންސްކޮށް، މޮޅަށް އެޓޭކް ކުރާ ޓީމެއް ކަމަށާއި، ހާއްސަކޮށް ޔުނައިޓެޑުގެ ކައުންޓަރ އެޓޭކްތައް ހުއްޓުވަން ކޮންމެ ޓީމަކަށް ވެސް އުނދަގޫ ވާނެ ކަމަށެވެ.
ގާޑިއޯލާ އިތުރަށް ބުނީ ޔުނައިޓެޑް، ލިވަރޕޫލް، ބާސެލޯނާ، ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އާއި ދެކޮޅަށް ރަނގަޅު ނަތީޖާ އެއް މިއަހަރު ސިޓީ އަށް ނުލިބިދާނެ ކަމަށާއި މި ވަގުތު ޓީމު މި އޮތް ހާލަތުން އެކަން ގަބޫލުކޮށް އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުގައި ސިޓީން ވަނީ 2017-18 ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފައެވެ. އަދި އެ ޓީމު ވެގެން ގޮސްފައިވަނީ ފުރަތަމަ ފަހަރަށް 100 ޕޮއިންޓް ހަމަކޮށް ލީގު ކާމިޔާބު ކުރި ޓީމަށެވެ.
ނަމަވެސް މި ސީޒަނުގައި ސިޓީގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދަށް ކުޅުމެކެވެ.
ގާޑިއޯލާ ބުނީ މި ސީޒަނުގައި އެޓީމުން ވި ކޮންމެ ބައްޔަކީ ކުޅުންތެރިންނަށް ހެދުނު ގޯސް ތަކުން ވި ބައްޔެއް ކަމަށާއި، އެކަން އޭނާ ގަބޫލު ކުރާ ކަމަށެވެ. އަދި ލިވަރޕޫލަށް ވުރެ 14 ޕޮއިންޓް ފަހަތުން އޭނާގެ ޓީމު ތާވަލުގެ ތިންވަނައިގައި އޮތް ކަން ޓީމުގެ މެނޭޖްމެންޓުންވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
ވިސްނުން ހުރީ ކުރިޔަށް ހުރި މުބާރާތްތަކުގައި ކުޅެން ޖެހޭ މެޗުތަކަށް ކަމަށާއި މި މެޗުތައް ކާމިޔާބުކުރަން ކުރެވުންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގައި ލިވަރޕޫލުން އޮތީ 46 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލެއިސިސްޓާ ސިޓީ އަށް 38 ޕޮއިންޓް ލިބިފައިވާއިރު ތިންވައިގައި ސިޓީ އޮތީ 32 ޕޮއިންޓާއެކުގައެވެ.