ސައުތު އޭޝިއަން ގޭމްސްގައި ސްރީ ލަންކާ ބަލިކޮށް ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމް ސެމީއަށް ދަތުރުކޮށްފިއެވެ.
ލަންކާއާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅުނު މެޗު ރާއްޖެއިން ކާމިޔާބު ކުރީ 69-64ގެ ނަތީޖާއަކުންނެވެ.
ސްރީ ލަންކާއާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅުނު މެޗުން ދިވަހި ޓީމްގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން، މެޗްގެ ފުރަތަމަ ކުއާޓަރ ނިމުނީ ރާއްޖެ ކުރީގައި އޮވެގެންނެވެ. 18-09 ގެ ތަފާތަކާއެކެއެވެ. ދެވަނާ ކުއާޓަރގައި ރާއްޖެއިން ވަނީ ލީޑް ފުޅާކޮށްފައިވާއިރު، އެ ކުއާޓަރ ނިމުނީ 38-25 އިންނެވެ.
ތިންވަނަ ކުއާޓަރގައި ލަންކާއިން ލީޑް ހަނިކުރިނަމަވެސް، ކުއާޓަރ ނިމުނީ ރާއްޖެއިން ހަ ޕޮއިންޓް ކުރީގައި އޮވެގެންނެވެ. އެއީ 50-44 އިންނެވެ. އަދި ފަހު ކުއާޓަރގައި ރާއްޖޭގެ ޓީމަށް ޕްރެޝަރު އިތުރުވި ނަމަވެސް، ލީޑް ވަނީ ދަމަހައްޓާފައެވެ.
ސައުތު އޭޝިއަން ގޭމްސް 2019 ގައި އަންހެން ބާސްކެޓްބޯޅަ އިވެންޓްގައި ހަ ގައުމަކުން ބައިވެރިވެއެވެ. އެއީ ރާއްޖެ، އިންޑިއާ، ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި މުބާރާތް ބާއްވާ ގައުމުކަމަށްވާ ނޭޕާލްއެވެ.
މި މުބާރާތުގެ ސެމީ ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، ސެމީގައި ރާއްޖޭގެ ޓީމް ކުޅެން ޖެހޭނީ އަދި ކަށަވަރެއް ނުވެއެވެ.
އަންހެން ބާސްކެޓްބޯޅަ ޓީމްގެ ކޯޗް، ލަންކާގެ ސުޕުން ވިމާލް ބުނީ ރާއްޖޭގެ ޓީމަށް "ފައިނަލަށް ނުދެވޭންވީ ސަބަބެއް ނެތް"ކަމަށެވެ. މިއީ ރާއްޖޭގެ އަންހެން ބާސްކެޓް ޓީމުން މުބާރާތުގެ ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމް ފުރަތަމަ ކުޅުނީ އިންޑިއާއާ ދެކޮޅަށެވެ. ހުކުރު ދުވަހު ކުޅުނު މެޗް އިންޑިއާއިން ގެންދިޔައީ ބޮޑު ތަފާތަކުންނެވެ. އެއީ 156-33 އެވެ.