ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގައި މުބާރާތް ބާއްވާ ގައުމު, ނޭޕާލް އާއި ވާދަކޮށް ދިވެހިރާއްޖޭގެ ފިރިހެން ބާސްކެޓް ޓީމު ބަލިވެއްޖެއެވެ.
ކަތަމަންޑޫގެ ބާސްކެޓް ކޯޓުގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 76 ޕޮއިންޓް 62 ޕޮއިންޓުންނެވެ.
މެޗުގެ ފުރަތަމަ ކުއާޓާގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ކުއާޓާގައި ރާއްޖެއިން ވަނީ ނޭޕާލްގެ ކުޅުންތެރިންނަށް ދޫނުދީ ކައިރި ކައިރީގައި ޕޮއިންޓް ސްކޯ ކޮށްފައެވެ. މި ކުއާޓާ ނިމިގެންދިޔައީ 18 ޕޮއިންޓް 17 ޕޮއިންޓުން ނޭޕާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ކުއާޓާގައި ނޭޕާލުން ވަނީ ރާއްޖެއިން ކުރި އެޓޭކްތައް ހުއްޓުވައިފައެވެ. އެގޮތުން މި ކުއާޓާގައި ނޭޕާލުން ވަނީ ރާއްޖޭގެ މައްޗަށް ބޮޑު ލީޑެއް ނަގައިފައެވެ. އެގޮތުން މި ކުއާޓާ ނިމުނީ 41 ޕޮއިންޓް 29 ޕޮއިންޓުންނެވެ.
މެޗުގެ ތިން ވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އެގޮތުން ރާއްޖެއިން ވަނީ ވަރުގަދަ ޑިފެންސެއްކޮށް ނޭޕާލުން ކުރަމުންދިޔަ ގިނަ އެޓޭކްތައް ހުއްޓުވައިފައެވެ. މި ކުއާޓާ ނިމުނީ 58 ޕޮއިންޓް 40 ޕޮއިންޓުންނެވެ.
މެޗުގެ ފަހު ކުއާޓާގައި ނޭޕާލުން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ރާއްޖެ ކޮޅަށް ނުރައްކާ ކޮށްފައެވެ. މި ކުއާޓާ ނިމިގެންދިޔައީ 76 ޕޮއިންޓް 62 ޕޮއިންޓުންނެވެ.
މި މެޗުން ބަލިވުމާއި ގުޅިގެން ރާއްޖޭގެ ފިރިހެން ބާސްކެޓް ބޯޅަ ޓީމަށް މިވަނީ މުބާރާތް ނިމިފައެވެ. ރާއްޖެއިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަންގާޅު އަތުން ބަލިވީ 78 ޕޮއިންޓް 67 ޕޮއިންޓުންނެވެ.