ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ކްރިކެޓް މުބާރާތުގައި ބޫޓާން ބަލިކޮށް ރާއްޖެއިން ތިންވަނަ ހޮވާ މެޗަށް ދަތުރުކޮށްފިއެވެ.
ޓީޔޫ ކްރިކެޓް އެރީނާގައި ކުރިޔަށްދާ ކްރިކެޓް މުބާރާތުގައި ބޫޓާނާއި ވާދަކޮށް ރާއްޖެއިން މި މެޗު ކާމިޔާބު ކުރީ 8 ވިކެޓުންނެވެ. މި މެޗު ރާއްޖެއިން ކާމިޔާބުކުރި އިރު ރާއްޖެއަށް ބާކީ 29 ބޯޅަ ނުކުޅެ އޮތެވެ.
މެޗުގެ ޓޮސް ދިމާވުމުން ބޫޓާން އިން ގަސްތުކުރީ ކުޅެން އެރުމަށެވެ. ބޫޓާނުން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 117 ލަނޑެވެ. މި އިނިންގްސްގައި ބޫޓާން ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 40 ލަނޑު ހެދި އެޓީމުގެ ކެޕްޓަން ސިންޔޭއެވެ. ޖަވާބުގައި ރާއްޖެއިން ކުޅެން އަރައި 15.1 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 118 ލަނޑު ހަދައި މެޗު ކާމިޔާބު ކޮށްފައެވެ. މި އިނިންގްސްގައި ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރާއްޖޭގެ އަހްމަދު ހަސަން އާއި އާދަމް އުމަރެވެ. އަހުމަދު ހަސަން ނުބައިވިއިރު އޭނާ ވަނީ 29 ލަނޑު ހަދައިފައެވެ. އަދި އާދަމް އުމަރު ވަނީ ނުބައިނުވެ 37 ލަނޑު ހަދައިފައެވެ.
މި މުބާރާތުގައި ރާއްޖެ ވަނީ 23 އަހަރުން ދަށުގެ ބަންގްލަދޭޝާއި، ސްރީލަންކާ އާއި މުބާރާތް ބާއްވާ ގައުމު ނޭޕާލް އަތުން ބަލިވެފައެވެ. ނަމަވެސް މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުގެ ހެނދުނު ރާއްޖެ ގަޑިން 8:15 ގައެވެ.