Advertisement
ކ. މާލެ
|
18 މާރޗް 2017 | ހޮނިހިރު 19:09
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް
ގޫގުލް
ސަލްމާން ރަސްގެފާނު
ރާއްޖެ ވަޑައިނުގަނެ ސައުދީ ރަސްގެފާނު އެނބުރި ގައުމަށް!
ރާއްޖެ ވަޑައިނުގެންނެވީ އެޗްވަންއެންވަން ރޯގާ އުޅޭތީ
ފ. އަތޮޅު މަޝްރޫއާ ގުޅޭ 'ސިއްރުތައް' ހިމެނޭ ނިހާނުގެ އޯޑިއޯއެއް ލީކުވި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެ ވަޑައިނުގަންނަވަން ނިންމެވުމާއެކު، އޭޝިއާ ދަތުރުފުޅު ކުރުކޮށްލަވައި ހޮނިހިރު ދުވަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ސައުދީގެ ރަސްމީ ނިއުސް އެޖެންސީން ބުނެފި އެވެ.

 

އޭޝިއާގެ ފަސް ގައުމަކަށް މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ސަލްމާން ރަސްގެފާނު ފެއްޓެވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

 

ސަލްމާން ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވާފައިވާކަން ހާމަކޮށް ހުކުރު ދުވަހު ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ ދަތުރުފުޅު ފަސްކުރެއްވީ ރާއްޖޭގައި އެޗްވަންއެންވަން ރޯގާ ފެތުރެމުންދާތީ ކަމަށެވެ. އަދި ސަލްމާން ރަސްގެފާނު ރާއްޖެ ދަތުރުކުރައްވާނެ ދުވަހެއް ފަހުގެ ތާރީޚެއްގައި އިއުލާނު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

 

ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރެއްވުމާ އެކު އެމްޑީޕީން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފ. އަތޮޅު ވިއްކާލާތީ ރައްޔިތުން ނުރުހުން ފާޅުކުރަމުންދާ ކަމަށާއި އެހެންކަމުން މިއީ ރަސްެގެފާނު ރާއްޖެ ވަޑައިގަތުމަށް އެންމެ ރަނގަޅު ދުވަސްވަރު ކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.

 

ސައުދީ ރަސްގެފާނުގެ ދަތުރުފުޅާ ދިމާކޮށް ފުލުހުން ގެންދިޔައީ ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ކުރި އިހުތިޖާޖުތަކުގައި ބޭނުންކުރަމުންދިޔަ ބެނާތައް ބެލުމުގެ ދަށަށް ގެންދަމުންނެވެ. އަދި ފ. އަތޮޅާ ގުޅިގެން ރައްޔިތުންގެ ޝުއޫރުފާޅުކޮށް ލިޔެކިޔުމުން ބެނާއެއް ނުވަތަ ބިލްބޯޑެއް ބެހެއްޓުމަށް ވެސް ފުރުސަތު ދީފައެއް ނުވެ އެވެ.

 

ސައުދީ ރަސްގެފާނު ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނިކޮށް، ފ. އަތޮޅު މަޝްރޫއާ ގުޅޭ ގޮތުން ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ދައްކަވާފައިވާ ވާހަކަތަކެއް ހިމެނޭ އޯޑިއޯއެއް ވަނީ ލީކުކޮށްލާފަ އެވެ. އެ އޯޑިއޯގައި ފ. އަތޮޅުގެ ހިމިތި ހިމެނޭ ސަރަހައްްދުގައި ސައުދީ ޝާޚީ އާއިލާއިން ހިންގަން އުޅޭ މަޝްރޫއާ ގުޅޭ ހުރިހާ މައުލޫމާތެއް ނިހާނު ބަޔަކަށް ކިޔައި ދެއްވަ އެވެ.

 

އެގޮތުން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަލް ސައުދު ބޭނުންފުޅުވަނީ ދަރިފަސްކޮޅަށް ވާރުތަވާ ގޮތަށް ފ. އަތޮޅު ހިމިތި ހިމެނޭ ސަރަހައްދު މިލްކުކުރައްވަން ކަމަށާއި ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރި ވަލީއަހުދަށް އެ ސަރަހައްދު މިލްކުކުރެވޭ ގޮތް ހެދުމަށް ކަމަށް ނިހާނު ވިދާޅުވެފައި ވެއެވެ.

 

ސައުދީ ސަރުކާރުގެ އެޑްވައިޒަރަކު "ފައިނޭންޝަލް ޓައިމްސް" ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި ގުދުރަތީ ގޮތުން ރާއްޖެ އޮންނަ ސަރަހައްދަކީ ސައުދީ އަށް ވަރަށް މުހިންމު ސަރަހައްދެކެވެ.

 

ރަސްގެފާނު ސަލްމާން އޭޝިއާ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ މެލޭޝިއާއަށެވެ. އެއަށް ފަހު އިންޑޮނޭޝިއާ އާއި ޖަޕާނަށް ވަޑައިގެންނެވި އިރު، ރާއްޖެ ވަޑައިނުގަންނަވަން ނިންމެވުމާއެކު އޭޝިއާ ދަތުރުފުޅުގެ ފަހު މަންޒިލަކަށް ވެގެންދިޔައީ ޗައިނާ އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި ގައުމުތަކުގެ ވެރިންނާއި ސަރުކާރުގެ އިސް އޮފިޝަލުންނަށް އަގު ބޮޑު ހަދިޔާތައް ދެއްވާފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް