އޭޑީކޭ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް އަންގާރަ ދުވަހުން ފެށިގެން 885 މީހުން ދައްކާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އޭޑީކޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ހުކުރު ދުވަހު އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް 181 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު، ބުރާސްފަތި ދުވަހު އެ ހޮސްޕިޓަލަށް 332 މީހުން ޑޮކްޓަރަށް ދައްކާފައިވާ އިރު ބުދަ ދުވަހު 254 މީހުން ވަނީ ޑޮކްޓަރަށް ދައްކަވާފަ އެވެ.
އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް އެންމެ ގިނައިން ދައްކާފައިވަނީ ފިރިހެނުންނެވެ.
މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން އޭޑީކޭއިން ވަނީ ފްލޫ ކްލިނިކްގެ އިތުރުން މޯބައިލް ފްލޫ ކްލިނިކެއް ވެސް ތައާރަފުކޮށްފަ އެވެ.
އެގޮތުން ކޮންމެ ދުވަހަކުވެސް އެކި ސަރަހައްދުތަކުގައި އޭޑީކޭގެ އެމްބިއުލާންސް މަޑުކޮށް، ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުވަނީ ހަމަޖައްސާދީފަ އެވެ. ހޮނިހިރު ދުވަހު ހެނދުނު 10:00 ކުން 12:00 އަށް އޮލިމްޕަސް ސަރަހައްދުގައި މޯބައިލް ކްލިނިކުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ އިރު، ހަވީރު 16:00 ކުން 18:00 އަށް ބިސްބުރު ސަރަހައްދުގައި މޯބައިލް ކްލިނިކުން ހިދުމަތް ދެވޭނެ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އަދި ރޭގަނޑު 20:00 އިން 22:00 އަށް ހެންވޭރު ޕާކު ސަރަހައްދުގައި މޯބައިލް ކްލިނިކުން ޑޮކްޓަރަށް ދެއްކޭނެ ކަަމަށް އޭޑީކޭ އިން ބުނެ އެވެ.
މޯބައިލް ކްލިނިކުން ބޭސް ވެސް ދޫކުރަނީ ހިލެ އެވެ.
މިހާރު ރާއްޖޭގައި ފެތުރެމުންދާ ރޯގާގެ ތެރެއިން އިންފްލުއެންޒާ އެޗްވަންއެންވަން ފެތުރެމުންދާ އިރު އެ ބަލި ޖެހިފައިވާ 108 މީހުން މިހާތަނަށް ވަނީ ފެނިފަ އެވެ. މި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބަލިން ރަގަޅުވެފައިވާ ފަރާތްތައް ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފަ އެވެ. އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ދެމީހުން މިހާތަނަށް މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.