ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ފުޓްބޯޅާ ޓީމާ ބައްދަލުކޮށް ބޮޑު ނަތީޖާއަކުން އިންޑިއާ މޮޅުވެއްޖެއެވެ.
އަންގާރަ ދުވަހު ކުޅުނު މެޗަކީ މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމް ކުޅުނު ފުރަތަމަ މެޗަށްވާއިރު، މި މެޗް އިންޑިއާއިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.
މެޗް ފަށައިގެން ފަސް ވަނަ މިނިޓްގައި، ގްރޭސް ޑަންގްމަލްގެ ލަނޑަކާއެކު އިންޑިއާއިން ލީޑް ނަގާފައިވާއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ތިން ލަނޑު އިންޑިއާއިން ޖަހާފައިވެއެވެ. އެއީ، 24 ވަނަ މިނިޓާއި 33 މިނިޓުގައި ދޭވީ ނަންގޮމް ކާމިޔާބު ކުރި ގޯލްތަކެވެ.
ދެވަނަ ހާފުގައި އިންޑިއާގެ ޓީމުން އިތުރު ދެ ގޯލް ޖަހާފައިވާއިރު، އެއީ 87 ވަނަ މިނިޓްގައި މަނީޝާ ކަލްޔަން ޖެހި ލަނޑަކާއި 88 ވަނަ މިނިޓްގައި ތުދޫ ޖަބަމާނީގެ ގޯލްއެކެވެ.
މެޗަށްފަހު މީޑިއާތަކާ ވާހަކަ ދައްކަމުން އަންހެން ޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ ބޮޑު ދަތުރެއް ކުރުމަށްފަހު ހަމަނުޖެހި އުޅެނިކޮށް މެޗެއް ކުޅެން ޖެހުމުން އުނދަގޫވި ކަމަށެވެ. މިއަދުގެ މެޗަށް ކުޅުންތެރިންގެ ފިޓްނެސް ހުރީ އެންމެ އެކަށީގެންވާ ލެެވެލްގައި ނޫންކަމަށް ވެސް ނާދު ވަނީ ފާހަގަ ކުރިއެވެ. ނާދު ވަނީ މެޗު ކުޅުނު ދަނޑާއި ޗޭންޖިންގް ރޫމްގެ ހާލަތު ވަރަށް ދެރަކަމަށް ބުނެފައެވެ. އަދި މިއީ އަންހެން ކުދިންނަށް މެޗު ކުޅެވޭނެ ގޮތަކަށް އިންތިޒާމް ކުރެވިފައިވާ މުބާރާތެއް ނޫންކަމަށް ކޯޗު ވަނީ ފާހަގަކޮށްފައެވެ.
ދިގު ދަތުރަކަށް ފަހު އަންހެން ޓީމަށް ނޭޕާލްއަށް ދެވުނީ ހޯމަ ދުވަހު، އަދި ހަތް ގަޑިއިރުގެ ބަހުގެ ދަތުރަކަށް ފަހު ކަތަމަންޑޫއިން މުބާރާތް އޮންނަ ޕޮކަހަރާ ސިޓީއަށް ދެވުނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ރާއްޖޭގެ އަންހެން ޓީމުގެ ދެވަނަ މެޗް އޮންނާނީ ބުރާސްފަތި ދުވަހު، ނޭޕާލްއާ ދެކޮޅަށެވެ. ރާއްޖެއާއި ލަންކާގެ މެޗް އޮންނާނީ އަންގާރަ ދުވަހެވެ.
އެއްވެސް ޕޮއިންޓެއް ނުލިބި، ރާއްޖޭގެ އަންހެން ޓީމު އޮތީ ޕޮއިންޓް ޓީމުގެ އެންމެ ފުލުގައެވެ. ސްރީ ލަންކާއަށް ވެސް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ތިން ޕޮއިންޓާއެކު، އިންޑިއާއާއި ނޭޕާލް އޮތީ އެންމެ ކުރީގައެވެ.