ފްރާންސް ފުޓްބޯލް އިން ހޮވާ ބެލޮންޑިއޯ އެވޯޑް ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ 6 ވަނަ ފަހަރަށް ހޯދައި އެންމެ ގިނަ ބެލޮންޑިއޯ އެވޯޑް ލިބުނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފިއެވެ.
އުމުރުން 32 އަހަރުގެ ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި އެންމެންވެސް ސިފަކުރާ ލިއޮނަލް މެސީއަށް މި އެވޯޑް ލިބިފައިމިވަނީ 3 އަހަރު ފަހުންނެވެ. އެންމެ ފަހުން މެސީއަށް މި އެވޯޑް 2015 ވަނަ އަހަރުގައި ލިބުނުއިރު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބެލޮންޑީއޯ އެންމެ ބޮޑަށް ހައްގުވަނީވެސް އޭނާއަށެވެ. އެގޮތުން މިދިޔަ 2018-19 ވަނަ ސީޒަނުގައި މެސީ ވަނީ އާރޖެންޓީނާގެ ގައުމީ ޓީމުގެ އިތުރުން ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކައި 54 ގޯލް ކާމިޔާބުކޮށްފައެވެ.
މެސީ ވަނީ ބާސެލޯނާއާއިއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށް މިދިޔަ ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށްދޭ ރަން ބޫޓުވެސް ކާމިޔާބުކޮށްފައެވެ.
ފުޓުބޯޅައިގެ ވާދަވެރިކަމަށް ބަލާއިރު ފާއިތުވެގެން ދިޔަ އަހަރުތަކުގައި އެންމެ އިސް ސަފުގައި އުޅުނީ މެސީ އާއި ޖުވެންޓަސް އަށް ކުޅެމުންއަންނަ ޕޯޗުގަލްގެ ކެޕްޓަން އަދި މަޝްއޫރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި އެވޯޑާއެކު މެސީ އުޅެނީ ބެލިންޑިއޯ އެވޯޑްގެ ރޭހުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށްވުރެ ކުރީގައެވެ. މިއަހަރުގެ ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް މެސީ ވަނީ 6 ވަނަ ފަހަރަށް އުފުލާފައެވެ.
މެސީ އަށް މި އެވޯޑް ލިބުނީ ލިވަރޕޫލް އާއިއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ވެން ޑައިކްކާއި، ޔުވެންޓަސް އާއިއެކު އިޓާލިއަން ލީގު ކާމިޔާބުކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވާދަކޮށެވެ.
އެވޯޑް ހަފްލާގެ ކުރިން ގިނަ ބަޔަކު ބުރަވެފައިވަނީ މިއަހަރަކީ 2006 ވަނަ އަހަރުގެ ބެލޮންޑިއޯ ކާމިޔާބުކުރި ފަބިއޯ ކަނަވާރޯގެ ފަހުން ޑިފެންޑަރަކު ކާމިޔާބުކުރާނެ ފަހަރުކަމަށެވެ. ލިވަރޕޫލް އާއިއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ވެން ޑައިކްކްއަށް އެވޯޑް ލިބޭނެކަަމަށް ވަރަށް ގިނަ ބަޔަކު އުންމީދުކުރިއެވެ.
މިއީ ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ވޯޓާއިއެކު ދޭ އެވޯޑެއްކަން ފާހަގަކޮށްލެވެއެވެ.