ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ހަސަން ސާއިދު ރަން މެޑަލް ހޯދައިފި އެވެ.
މިއީ މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ރަން މެޑަލްއެއް ހޯދި ފުރަތަމަ ފަހަރު އެވެ. އަދި ސައުތު އޭޝިއަން ގޭމްސްގެ ތާރީހުގައިވެސް ރާއްޖެއަށް ރަން މެޑަލްއެއް ލިބުނު ފުރަތަމަ ފަހަރު އެވެ.
ސާއިދު ފައިނަލް ކާމިޔާބުކުރީ 10.49 އިން ރޭސް ނިންމައިގެންނެވެ. ސާއިދު އާއި އެންމެ ގާތުން ވާދަކުރީ ސްރީލަންކާގެ ދުވުންތެރިޔެކެވެ. އޭނާއަށް ރޭސް ނިންމާލެވުނީ 10.50 އިންނެވެ.
ދުވުމުން ތިން ވަނަ ހޯދި ޕާކިސްތާނުގެ ދުވުންތެރިޔާއަށް ދުވުން ނިންމާލެވުނީ 10.66 އިންނެވެ.
ހަތަރު ވަނައަށްވެސް ދިޔައީ ޕާކިސްތާނުގެ ދުވުންތެރިޔެކެވެ. އޭނާއަށް ދުވުން ނިންމާލެވުނީ 10.70 އިންނެވެ.
އެތްލެޓިކްސް 100 މީޓަރުގެ ދުވުމުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފައިވަނީ އޭނާ ދުވި ހީޓުގެ ތިންވަނަ ހޯދައިގެންނެވެ. ސާއިދު މި ހީޓު ނިންމައިފައިވަނީ 10.66 ސިކުންތުންނެވެ. މި ހީޓުގެ އެއްވަނަ ހޯދައިފައިވަނީ ފައިނަލް ހީޓުގެ ދެވަނނަ ހޯދި ސްރީލަންކާގެ ދުވުންތެރިޔާ ހިމާޝާ އިޝާންއެވެ. އޭނާ މި ހީޓު ނިންމައިފައިވަނީ 10.51 ސިކުންތުންނެވެ.
ސާއިދު ހޯދިި ކާމިޔާބީ އާއި ގުޅިގެން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ މަރުހަބާ ދަންނަވާފަ އެވެ. އަދި އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް މިނިސްޓަރ މަހުލޫފް ވަނީ ޝުކުރުވެސް ދަންނަވާފަ އެވެ.
މިއީ 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ހޯދި ރަން މެޑަލްއަށްފަހު ބައިނަލްއަގްވާމީ މަލްޓި ގޭމްސްއަކުން ރާއްޖެ ލިބުނު އެންމެ ބޮޑު ޝަރަފެވެ. ރަން މެޑަލްއެވެ. މި ކާމިޔާބިއާއެކު ސާއިދު ވެގެންގޮސްފައިވަނީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އެންމެ ކާމިޔާބު އެތްލީޓުގެ ގޮތުގައެވެ.