ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ އަންހެން ވޮލީ ޓީމު ތިންވަނަ ހޮވަން ކުޅުނު މެޗުން ބަލިވެއްޖެއެވެ.
ރާއްޖޭގެ އަންހެން ޓީމު މި މެޗުން ބަލިވީ ސްރީލަންކާ އާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖެ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ދިޔައިރު، މި ސެޓު ލަންކާއިން ކާމިޔާބުކުރީ 25-13 އިންނެވެ.
މެޗުގެ ދެވަނަ ސެޓުގެ ކުރީ ކޮޅު ރާއްޖެ ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނަމަވެސް ރާއްޖެ ޓީމުން ވަނީ ސެޓުގެ ފަހު ކޮޅު ރަނގަޅު ކުޅުމެއް ދައްކައިފައެވެ. މި ސެޓު ލަންކާއިން ކާމިޔާބުކުރީ 25- 18 އިންނެވެ.
މެޗުގެ ފަހު ސެޓުގައި ރާއްޖެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. މީގެ ބޭނުން ހިފައި ލަންކާ އިން ވަނީ ފަސޭހަ ކަމާއި އެކު މި ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓު ލަންކާއިން ކާމިޔާބުކުރީ 25- 8 އިންނެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމުން މާކަ އެދެވޭ ނަތީޖާ ތަކެއް ނެރެވިފައި ނުވާއިރު، ރާއްޖެއިން ކުޅުނު ހުރިހާ މެޗަކުން ވަނީ ބަލިވެފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ރާއްޖެއަށް ލިބުނީ ޕާކިސްތާނު މުބާރާތުގައި ބައިވެރިނުވާން ނިންމުމުންނެވެ. ސެމީގައި ރާއްޖެއިން ބައްދަލު ކޮށްފައިވަނީ އިންޑިއާއި ދެކޮޅަށެވެ. އިންޑިއާއާއި ދެކޮޅަށް ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ޕޮއިންޓް ތަކެއް ހޯދައިފައެވެ.