ނޭޕާލުގައި ކުރިޔަށްދާ ސައުތް އޭޝިއަން ގޭމްސް ޓީމު އިވެންޓުން ބަލިވެ ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމުން މުބާރާތުން ކަޓައިފިއެވެ.
ނޭޕާލުގެ ޕޮކާރާ ސިޓީގައި ކުރިޔަށްދާ ބެޑްމިންޓަން އިވެންޓުން ރާއްޖެ ބަލިވީ ޕާކިސްތާނާއި ވާދަކޮށް ސީދާ ތިން ގޭމުންނެވެ.
އަންހެން ޓީމު އިވެންޓުގައި ރާއްޖެއިން ފުރަތަމަ މެޗުގައި ކުޅެން އެރީ އައިމިނަތު ނަބީހާ އެވެ. ނަބީހާ ކުޅުނު މެޗުން އޭނާ ބަލިވީ ޕާކިސްތާނުގެ މަހޫރު ޝަހުޒާދު އަތުން ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް މަހޫރު ޝަހުޒާދު ގެންދިޔައީ 21-19 އަދި 21-14 އިންނެވެ. ސިންގަލްސް އިވެންޓުގެ ދެވަނަ މެޗުގައި ރާއްޖޭގެ ނީލާ ނަޖީބު ބަލިވީ 2-1 ސެޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ރާއްޖޭގެ ކުޅުންތެރިޔާ ނީލާ ގެންދިޔައީ 21-16 އިންނެވެ. މެޗުގެ ފަހު ދެ ސެޓު ނީލާ ގެ މައްޗަށް ޕާކިސްތާނުގެ ކުޅުންތެރިޔާ ޕަލްވަޝާ ބަޝީރު ވަނީ ކާމިޔާބުކޮށްފައެވެ. އޭނާ މި ދެ ސެޓު ކާމިޔާބުކުރީ 21-23 އަދި 17-21 އިންނެވެ.
ރާއްޖޭއިން ފަހު މެޗުގައި ކުޅެންއެރީ ގައުމީ ޗެމްޕިއަން ފާތިމަތު ނަބާހާ އެވެ. އެ މެޗު ޕާކިސްތާނުގެ ގަޒާލާ ޞިއްދީގު ވަނީ ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ. މި މެޗުގެ ސެޓުތައް ގަޒާލާ ކާމިޔާބުކުރީ 21-15 އަދި 21-15 އިންނެވެ.
މި ފަހަރުގެ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު ބައިވެރިވެފައެއް ނުވެއެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މިފަހަރުގެ ގޭމްސްގައި ރާއްޖޭގެ ފިރިހެން ޓީމު ބައިވެރި ނުކުރާ ގޮތައް ނިންމީ މި ފެންވަރުގައި މިވަގުތު ރާއްޖޭގެ ފިރިހެން ޓީމަށް ވާދަކުރެވެން ނެތުމުން ކަމަށެވެ.