ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތު އާދިއްތަ ދުވަހު ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާފައިވަނީ ޤައުމީ އަންހެން ވޯލީބޯޅަ ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާއެވެ.
މިގޮތަށް ނިންމާ، ހައްވައާ ދިދަ ހަވާލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނެވެ. އަދި އޭނާއާ ދިދަ ހަވާލު ކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރްޒޫގް (މަރޭ) އެވެ.
ދިދަ ހަވާލު ކުރެއްވުމަށް ފަހު މަރޭ ވިދާޅުވީ، މި 2019 ވަނަ އަހަރަކީ އަންހެން ވޮލީ އަށް ކާމިޔާބު އަހަރެއްކަމަށެވެ.
އެގޮތުން، ފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ވޮލީ ޓީމަކުން މިއަހަރު ސެންޓްރަލް ޒޯން ވޮލީ މުބާރާތުން ރާއްޖެއަށް ރިހި މެޑައްޔެއް ހޯދައިދީފައިވާކަން މަރޭ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކޮންޓިންޖެންޓްގެ ދިދަ އުފުލުމަށް ހައްވައާ ހަވާލު ކުރަން ނިންމީ އޭނާއަކީ އަންހެން ކުޅުންތެރިންނަށް ނަމޫނާ ކުޅުންތެރިއަކަށްވެފައި، އަހަރަކަށްފަހު އަހަރެއް ކާމިޔާބީ އަށް ވާސިލުވަމުން އައި ކުޅުންތެރިއަކަށް ވުމުން ކަމަށް މަރޭ ވިދާޅުވިއެވެ.
ދިދަ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި އެކު ކުޅިވަރުތަކުގައި ރާއްޖެ ތަމްސީލު ކުރަން ނޭޕާލަށް ގޮސްފައިވާ ކުޅުންތެރިންގެ އިތުރުން، އޮފިޝަލުން ވެސް ބައިވެރިވިއެވެ. އޭގެ ތެރޭގައި ޕޯޓްސް ކޮމިޝަނަރ ހީނާ އަހްމަދު ސަލީމްވެސް ހިމެނިވަޑައިގަންނަވައެވެ.
ދިދަ އާއި ހަވާލުވުމަށްފަހު މީޑިއާއާއި ވާހަކަ ދައްކަމުން ހައްވަ ބުނީ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދައާ ހަވާލުވާން ލިބުމަކީ ވޮލީ ކެރިޔަރގައި އޭނަ އަށް ލިބުނު ބޮޑު ކާމިޔާބީ އެއް ކަމަށެވެ. އަދި، މި ދިދަ ހިފަން ލިބުނީ އޭނާގެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ލިބުނު ހިތްވަރުން ކަމަށްވެސް ހައްވަ ބުންޏެވެ.
ރާއްޖޭގެ އަންހެން ޓީމުން ނިމިގެންދިޔަ ނޮވެންބަރު މަހު އަންހެނުންގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުން ދެވަނަ ހޯދާފައިވާއިރު، އެއީ ހައްވަގެ ކެޕްޓަން ކަމުގެ ދަށުންނެވެ.