ނޭޕާލުގައި ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ އަންހެން ވޮލީ އިވެންޓް ސެމީ ފައިނަލުގައި އިންޑިއާ އަތުން ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމު ބަލިވެއްޖެއެވެ.
ސެމީގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ރާއްޖެއިން ލީޑު ނެގި ނަމަވެސް އިންޑިއާއިން ވަނީ ފަހަތުން އަރައި ސެޓު ކާމިޔާބު ކޮށްފައެވެ. މި ސެޓު އިންޑިއާއިން ކާމިޔާބުކުރީ 14-25 އިންނެވެ.
މެޗުގެ ދެވަނަ ސެޓުގައި ރާއްޖެ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ރާއްޖެ ކުޅުންތެރިންވަނީ ގިނަ މިސްޓޭކްތަކެއް ހަދައިފައެވެ. މި ސެޓު އިންޑިއާ އިން ކާމިޔާބުކުރީ 6-25 އިންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ތިން ވަނަ ސެޓު އިންޑިއާ އިން ކާމިޔާބުކުރީ 17-25 އިންނެވެ.
އަންހެން ވޮލީ ޓީމަށް މި މުބާރާތުގައި ދެން އޮންނާނީ ތިން ވަނަ ހޮވާ މެޗެވެ. ތިންވަނަ ހޮވާ މެޗުގައި ރާއްޖެއިން ބައްދަލުކުރަންޖެހޭ ޓީމެއް އިނގޭނީ މިރޭ ކުޅޭ ދެވަނަ ސެމީ ފައިނަލުގައި ލަންކާ އަދި ނޭޕާލް ބައްދަލު ކުރާ މެޗުން ބަލިވާ ޓީމަކާއެވެ.
ގައުމީ ވޮލީ ޓީމަށް ސެމީފައިނަލުން ޖާގަ ކަށަވަރުވީ ބުދަ ދުވަހު ރާއްޖެ އަދި ޕާކިސްތާން މެޗު ކުޅެން ހަމަޖެހިފައި އޮއްވައި، އެ އިވެންޓުން ޕާކިސްތާން ނަން އަނބުރާ ނެގުމުންނެވެ.
ނިމިދިޔަ އޭވީސީ ސީނިއަރ ވިމެންސް ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެއިން ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. ނަމަވެސް ފައިނަލުގައި ރާއްޖެ ވަނީ ނޭޕާލް އަތުން ބަލިވެފައެވެ. އެ މުބާރާތުގައި ރާއްޖެއަށް ލިބުނު ރިހި މެޑެއްޔަކީ މީހާތަނަށް އަންހެން ވޮލީ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.