ނޭޕާލުގައި ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުން ލަންކާ އަތުން ބަލިވެއްޖެއެވެ.
މި މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު މި ސެޓުން ރާއްޖެ ބަލިވީ 25-15 އިންނެވެ. މެޗުގެ ދެވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މި ސެޓުން ރާއްޖެ ބަލިވީ 25- 18 އިންނެވެ.
މެޗުގެ ތިންވަނަ ސެޓުގައި ރާއްޖޭގެ ޓީމުގެ މައްޗަށް ލަންކާއިން ވަނީ ފަސޭހަކަމާއި އެކު ކުރި ހޯދައިފައެވެ. މި ސެޓު ރާއްޖެ މައްޗަށް ލަންކާއިން ކުރި ހޯދީ 25-14 އިންނެވެ.
މި މެޗުން ބަލިވި ނަމަވެސް ރާއްޖެއިން ވަނީ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފައެވެ. ގައުމީ ވޮލީ ޓީމަށް ސެމީފައިނަލުން ޖާގަ ކަށަވަރުވީ ބުދަ ދުވަހު ރާއްޖެ އަދި ޕާކިސްތާން މެޗު ކުޅެން ހަމަޖެހިފައި އޮއްވައި، އެ އިވެންޓުން ޕާކިސްތާން ނަން އަނބުރާ ނެގުމުންނެވެ.
މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ އިންޑިއާ އާއި ނޭޕާލްގެ އިތުރުން ބަންގްލަދޭޝްއެވެ. ސެމީގައި ރާއްޖެ ބައްދަލުކުރަން ޖެހޭނީ އިންޑިއާއާއެވެ.
ނިމިދިޔަ އޭވީސީ ސީނިއަރ ވިމެންސް ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެއިން ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. ނަމަވެސް ފައިނަލުގައި ރާއްޖެ ވަނީ ނޭޕާލް އަތުން ބަލިވެފައެވެ. އެ މުބާރާތުގައި ރާއްޖެއަށް ލިބުނު ރިހި މެޑެއްޔަކީ މީހާތަނަށް އަންހެން ވޮލީ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.