ސައުތު އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓުން އިންޑިއާ ވަކިވުމުން، މުބާރާތް ލީގު އުސޫލަށް ބަދަލުކޮށްފިއެވެ.
ޖުމްލަ ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީއަށް ދަތުރުކުރާ ގޮތަށް ކުރިން އޮތް ނަމަވެސް، ލީގު ބުރަކަށް ބަދަލުކުރީ މުބާރާތުން އިންޑިއާ ވަކިވުމުން ވާދަކުރާ ޓީމުގެ އަދަދު ފަސް ޓީމަށް ބަދަލުވުމުންނެވެ.
އެގޮތުން މިހާރު ރޭވިފައި އޮތް ގޮތުން މުބާރާތުގައި ވާދަކުރާ ފަސް ޓީމު ކޮންމެ ޓީމަކާ ކުޅެ، ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމަށް ފުރުސަތު ލިބޭނެއެވެ.
މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލް، ބަންގްލަދޭޝް، ސްރީލަންކާ އަދި ބޫޓާނެވެ. ފުޓުބޯޅަ އިވެންޓް މިހާރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ ދެވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، ދެވަނަ މެޗުގައި އަންނަ މަހުގެ ތިންވަނަ ދުވަހު ރާއްޖެ ނިކުންނާނީ ބަންގަލަދޭޝްއާ ދެކޮޅަށެވެ. ތިންވަނަ މެޗުގައި އަންނަ މަހުގެ ފަސްވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، ޑިސެމްބަރ މަހުގެ ހަވަނަ ދުވަހު ރާއްޖެ ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
ގޭމްސްގައި ވާދަކުރާ 23 އަހަރުން ދަށުގެ ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުން ފުރުސަތު ދީފައިވާ ސީނިއަރ ކުޅުންތެރިންނަކީ ގައުމީ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ)، ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.
މުބާރާތުގެ ހުރިހާ މެޗެއް ކަތަމަންޑޫގެ ދަސާރާތު ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އިންޑިއާގައި 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ޗެމްޕިއަންކަން ހޯދީ ރާއްޖެ ބަލިކުރުމަށްފަހު ނޭޕާލުންނެވެ. އެފަހަރު ފައިނަލުގައި ނޭޕާލުން ރާއްޖެ ބަލިކުރީ ޕެނަލްޓީ ޖަހައިގެން 4-5 ގެ ނަތީޖާއަކުންނެވެ.