މެންޗެސްޓަރ ޑާރބީގެ ނަމުން މަޝްހޫރުވެފައިވާ މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑްގެ މެޗުގައި އާޖެންޓީނާ އަދި ސިޓީގެ ތަރި ސާޖިއޯ އަގުއެރޯ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާ ބުނީ އަގުއެރޯއަށް އަނިޔާގެ ސަބަބުން ބައެއް މެޗުތައް ގެއްލޭނެ ކަމަށް ބެލެވޭ ކަމަށާއި ޔަގީނުންވެސް ކުރިޔަށް އޮތް ޑާރބީ މެޗުގައި އޭނާ ނުފެންނާނެ ކަމަށެވެ.
އަގުއެރޯ އަށް އަނިޔާވީ ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-1 ގެ ނަތީޖާ އަކުން ސިޓީ މޮޅުވި މެޗުގައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އަގުއެރޯ އަށް އަނިޔާގެ ސަބަބުން ހަތަރު ހަފްތާ އާއި ހަ ހަފްތާ އާއި ދެމެދު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެއެވެ.
އަގުއެރޯގެ އަނިޔާގެ ސަބަބުން ސިޓީގެ ފޯވާޑް ލައިންގައި ދެން ހަރަކާތްތެރިވާނީ ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖީސަސްއެވެ. އޭނާ ވަނީ މި ސީޒަނުގައި ސިޓީ އަށް ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ.
ޖީސަސް ބުނީ އަގުއެރޯ އަށް އަނިޔާ ވުމުން އޭނާ އަށް ކުޅެން ގިނަ ވަގުތު ލިބިގެންދާނެ ކަމަށާއި ނަމަވެސް އެއަށް ވުރެ މުހިންމީ އަގުއެރޯ އަނިޔާއިން އެނބުރި އައިސް ސިޓީއަށް ކާމިޔާބު ލިބުން ކަމަށެވެ.
ޕްރިމިއާ ލީގުގެ އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގައި މިވަގުތު އަގުއޭރޯ އޮތީ ތިން ވަނައިގައެވެ.