މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުގެ މުވައްޒަފުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސާދީފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އެޗްއާރްސީއެމުން ބުނެފި އެވެ.
އެޗްއާރްސީއެމް އިން ބުނީ، ކޮމިޝަނުގެ މުވައްޒަފަކު ނުވަތަ މުވައްޒަފެއްގެ އައިލާގެ މެންބަރަކު މިހާރު ފެތުރެމުންދާ ރޯގާއަށް ޝައްކު ކުރެވޭ ކަމަށް ނުވަތަ އެ ބަލި ޖެހިފައިވާ ކަމަށް މެޑިކަލް އޮފިސަރަކު ދީފައިވާ ލިޔުމެއް ހުށަހަޅާފައިވާ ނަމަ އެ މުވައްޒަފަކު ވަޒީފާއަށް ނުކުންނަން ނުޖެހޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް މާބަނޑު މީހުންނަކީ މި ބަލީގައި ރިސްކު ބޮޑު ބައެއްގެ ގޮތުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ހާމަކޮށްފައިވާތީ މާބަނޑު މީހުން ވެސް ވަޒީފާއަށް ނުކުންނަން ނުޖެހޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި މިދުވަސްވަރުގައި އެ މުވައްޒަފަކަށް ލިބެންޖެހޭ އިނާއަތްތަކާއި މުސާރަ ލިބޭނެ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެ އެވެ.
މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ވެސް ވަނީ އެތަނުގައި މަސައްކަތް ކުރާ މާބަނޑު މީހުން ވަޒީފާއަށް ނިކުންނަން ނުޖެހޭ ގޮތަށް ހަމަޖައްސާދީފަ އެވެ. އޭސީސީގެ އިތުރުން އިލެކްޝަންސް ކޮމިޝަނާއި ސިވިލް ސާރވިސްގައި މަސައްކަތް ކުރާ މާބަނޑު މުވައްޒަފުން ވެސް މަސައްކަތަށް ނިކުންނަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.