މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް ބައެއް ފަރާތްތަކުން ހެލްމެޓްގެ ބޭނުން ކުރާކަން ފާހަގަވެފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބްރިޖް އަދި ހައިވޭގައި ޤަވާއިދާ ޚިލާފަށް ހެލްމެޓް ބޭނުންކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެއީ ރައްކާތެރިކަމަކަށް ނުވާތީ ޤަވާއިދުގައި ފާހަގަކޮށްފައިވާ މިންގަނޑަށް ނުފެތޭ ހެލްމެޓް ބޭނުންކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ.
ބްރިޖް އަދި ހައިވޭގައި ޤަވާޢިދާއިޚިލާފު ހެލްމެޓް ބޭނުންކުރާކަން ފާހަގަ ކުރެވިފައިވޭ. މިއީ ރައްކާތެރިކަމަކަށް ނުވާތީ ޤަވާޢިދުގައި ފާހަގަކޮށްފައިވާ މިންގަނޑަށް ނުފެތޭ ހެލްމެޓް ބޭނުންކުރާ ފަރާތްތަކާއިމެދު ފިޔަވަޅުއަޅަމުންގެންދާނެވާހަކަ ދަންނަވަން.
— Maldives Police (@PoliceMv) November 12, 2019
#TrafficPolice pic.twitter.com/7vSnWHVzVr
އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ޤަވާއިދަށް ގެނައި އިސްލާޙަކާ އެކު، 30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވަން ހުއްދަ ކޮށްފައިވާ ޞަރަޙައްދުތަކުގައި ސައިކަލު ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާ ހެލްމެޓް އަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހެލްމެޓް އެޅުވުމަށް އަހުލުވެރިކުރުވުމަށްޓަކައި މީގެ ކުރިން ކޯސް ހިންގައި، ޢާންމުންނަށް ހެލްމެޓް ބަހާފައެވެ.
ރާއްޖޭގައި ބޭނުން ކުރެވޭނެ ހެލްމެޓުގެ ޝަރުޠުތައް ހާމަކޮށްފައިވާއިރު ހެލްމެޓުގައި ހަތް ކަމެއް ހަމަވާން ޖެހެއެވެ.
- ބޮލަށް ހެޔޮވަރު ހެލްމެޓަކަށް ވުން
- ދަތްދޮޅިދަށުން ހަރުކުރެވޭ ގޮތަށް ޚާއްޞަ ކަމަރެއް ހުރުން
- ހެލްމެޓާއި އޭގައި ބޭނުންކޮށްފައިވާ ކަމަރުގައި ތޫނު އެއްޗެއް، ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހަރުކޮށްފައި ނުވުން
- ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ވުން
- ހެލްމެޓުގެ ސްކުރީނަކީ މޫނުފެންނަ މެޓީރިއަލަކުން ހަދާފައި ހުންނަ ސްކްރީނަކަށް ވުން.
- ހެލްމެޓުގެ ކުލައަކީ ލޮލަށް އުނދަގޫ ނުވާފަދަ ކުލައަކަށްވުން
- ހެލްމެޓު އެޅުމުން ކާކުކަން ނޭންގޭގޮތަށް މޫނު ނުފޮރުވޭ ހެލްމެޓަކަށް ވުން
ހެލްމެޓުގެ ޤަވާއިދުގައި ބުނެފައިވާ ގޮތުން ޤަވާއިދާ ޚިލާފަށް ދުއްވާ ފަރާތްތައް ފުރަތަމަ ފަހަރަށް 500ރ. އިން ދެވަނަ ފަހަރު 750ރ. އިން އަދި ފަހުން ޤަވައިދާ ޚިލާފުވާ ކޮންމެ ފަހަރަކު 1000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ.