ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި އިންޑިޔާގެ ޓްރިވެންޑްރަމްގައި ވޯޓުލުމަށްޓަކައި ބެހެއްޓުމަށް ކުރިން ހަމަޖެއްސި ވޯޓު ފޮށިތަކަށް ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެ ވޯޓް ފޮށިތަކުގައި ރަޖސިްޓްރީވެފައިވާ ފަރާތްތަކަށް އެހެން ވޯޓް ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިމަހުގެ 16ގެ ނިއަލަށެވެ.
އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މި ފުރުސަތުގައި ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރެވޭނީ، ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ އަދަދު ކަނޑައެޅިފައިވާ އަދަދަށް ވުރެ މަދުވުމާއި ގުޅިގެން ނުބެހެއްޓުމަށް ނިންމާފައިވާ ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެކޮމިޝަނުން ބުނެއެވެ.
ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި އަދި މާލޭ ސިޓީގައި ނަމަ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގައި ކަމަށް އެކޮމިޝަނުން މައުލޫމާތު ދެއެވެ.
އަދަދު ހަމަނުވުމުން ނުބަހައްޓާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސި ވޯޓުފޮށިތަކުގެ ތެރޭގައި، ސިނާއީ މަސައްކަތްކުރާ ސަރަހައްދުތަކުގައި ބެހެއްޓުމަށް ކުރިން ހަމަޖެއްސި ވޯޓު ފޮށިތަކާއި، ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގައި ބެހެއްޓުމަށް ކުރިން ހަމަޖެހިފައިވާ ވޯޓުފޮށްޓާއި، އިންޑިއާގެ ޓްރިވެންޑްރަމްގައި ބެހެއްޓުމަށް ކުރިން ހަމަޖައްސާފައިވާ ވޯޓު ފޮށިތަކުގެ އިތުރުން 14 ރިސޯޓެއްގައި ބެހެއްޓުމަށް ކުރިން ހަމަޖައްސާފައިވާ ވޯޓު ފޮށިތައް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލުނުކޮށްފިނަމަ އަދަދު ހަމަނުވުމުން ނުބަހައްޓާގޮތަށް ހަމަޖެއްސި ތަންތަނުގައި ބަހައްޓަން ކުރިން ހަމަޖެއްސި ވޯޓުފޮށިތަކަށް ރަޖިސްޓަރީކުރި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެ އެވެ.