ހ. ތިލަފުށި ގޭގެ ގުދަނުގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ތެރެއިން ޑިޒާސްޓާގެ ބެލުމުގެ ދަށުގައި މިހާރު ތިބި އާއިލާތަކަށް 3 މަސް ދުވަހުގެ ކުލީގެ ފައިސާ ދިން ނަމަވެސް އެއްވެސް ފަރާތެއް ނުކުންނަށް އަންގާ މަޖުބޫރުކޮށްފައި ނުވާނެކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކޮށްފިއެވެ.
ހުކުރު ދުވަހުގެ އެ އޮތޯރިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮޓޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ މި ހާދިސާއާއި ގުޅިގެން 31 އާއިލާއެއްގެ 145 މީހުން ބަލަހައްޓަމުންދާ ކަމަށެވެ. އަދި މީގެ ތެރެއިން 7 އާއިލާއެއްގެ 31 މީހުންނަކީ އަލިފާން ރޯވި ތަންތަނުގެ ވެރިފަރާތް ކަމަށާއި، އެފަރާތްތަކަށް ގާކޮށިން އަދި މޫކައި ސުއިޓްސްއިން އެޕާޓްމަންޓުގައި ބައިތިއްބާފައިވާ ކަމަށެވެ.
ހިސާން ވިދާޅުވީ މީގެ ތެރޭގައި ކުއްޔަށް ދިރިއުޅޭ 24 އާއިލާއެއް ވެސް ގާކޮށީގެ އެޕާޓްމަންޓުތަކުގައާއި މޫކައި ސުއިޓްސްގެ އެޕާޓްމަންޓުގައި އެބަތިބި ކަމަށެވެ. އަދި އެފަރާތްތަކަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިހާރުވާނީ 3 މަސް ދުވަހުގެ ކުއްޔަށްވާ ފައިސާއާއި ކެއިންބުއިމަށްދޭ އެލަވަންސް 30 އޮކްޓޯބަރުގެ ނިޔަލަށް ފޯރުކޮށްދީފައި ކަމަށް ހިސާން ވިދާޅުވިއެވެ.
"ޑިޒާސްޓާ މެނޭޖްމަންޓް އޮޓޯރިޓީން، އަލިފާނުގެ ހާދިސާގައި ހަލާކުވި އިމާރާތްތަކުގައި ކުއްޔަށް ދިރިއުޅެމުން އައި ފަރާތްތަކަށް ގުޅައިގެން އެފަރާތްތަކަށް މައުލޫމާތުދީ މަސައްކަތް ކުރަމުން މިދަނީ، އެފަރާތްތަކަށް ކުއްޔަށް ދިރިއުޅުމަށްޓަކައި 3 މަސް ދުވަހުގެ ފައިސާ ޖަމާކުރެވިފައިވާތީ ތަންތަން ކުއްޔަށް ހޯދައިގެން ވީހާވެސް އަވަހަކަށް އެބޭފުޅުންގެ ދިރިއުޅުން އަމިއްލަ ހާލަތަށް ބަދަލުކުރަން ތަންތަން ހޯދައިގެން ބަދަލުވުމަށް. އެހެންކަމުން އެ މަސައްކަތަށް އަޅުގަނޑުމެން އާއިލާތަކާއި ގުޅިގެން މިހާރު ވެސް މިދަނީ ކުރަމުން،"ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން
ހިސާން ވިދާޅުވީ ބައެއް އާއިލާތައް މިހާރު ދިރިއުޅެމުންދާ ކޮޓަރިތަކުން ނުކުންނަން އަންގާވާހަކަ ބައެއް މީޑިއާތަކުގައި ފެތުރެމުންދާ ކަމަށާއި، އެއީ ސީދާ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދަނީ، އެފަރާތްތަކަށް ފައިސާ ޖަމާކުރެވިފައިވާތީ ވީހާވެސް އަވަހަކަށް ތަންތަނަށް ބަދަލުވުމަށް ކަމަށާއި، ތަންތަން ނުލިބޭ ފަރާތްތައް ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.
"އެހެންވީމަ އެއްވެސް ފަރާތެއް ގަދަބާރުން އަންގައިގެން މަގުމައްޗަށް ނެރެލަން ނާންގަން. އަޅުގަނޑުމެން އެފަރާތްތަކަށް މި އަންގަނީ ނޮވެމްބަރު މަސް ފެށުމާއެކީގައި މަހުގެ ކުރީ ކޮޅު ތަންތަން ހޯދައިގެން ބަދަލުވާން ފަސޭހަ ވާނެ ވާހަކައާއި ތަންތަން ނުލިބޭ ފަރާތްތައް ޑިޒާސްޓާ މެނޭޖްމަންޓުން ތަންތަން ހޯދާ އެބޭފުޅުން ކުރިން ވެސް ދިރިއުޅެމުން އައި ތަންތަން ހިފާފައި ހުރި އަގުތަކަށް ވުރެ ކުޑަ ނުވާ އަގުތަކެއްގެ މަތިން އެތަންތަން ހޯދާ އެފަރާތްތަކަށް ވާނީ ކޮންޓެކްޓް ނަންބަރު ވެސް ހޯދައި ދީފައި،"ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން
ހިސާން ވިދާޅުވީ ކުއްޔަށްވި 3 މަސް ދުވަހަށް ވާ ފައިސާ އެފަރާތްތަކަށް ދީފައިވާނީ އެ ފަރާތްތަކުން ކުރިން ދައްކަމުން ދިޔަ ކުލީގެ ނިސްބަތުން ކަމަށެވެ. އަދި މީގެ ދެ ހަފްތާ ކުރިން އެބޭފުޅުންގެ އެކައުންޓުތަކަށް އެ ފައިސާ ޖަމާކޮށްދީފައިވާމެ ލަކަމަށާއި، އެ އާއިލާތަކަށް ބުރާސްފަތި ދުވަހުގެ ނިޔަލާ ހަމައަށް ފުޑް މަނީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަލާފައިވަނީ ކުއްޔށް ދިރިއުޅެމުން އައި ފަރާތްތައް ކުއްޔަށް ދިރިއުޅެމުން އައީ ކޮން ގޮތަކަށްތޯ އާއި އެމީހުން ދައްކަމުން އައި ވަރު. އެހެންވީމަ ތިން ރޫމް އެޕާޓްމަންޓް ހިފައިގެން އުޅުނު، މިސާލަކަށް 15000 ރުފިޔާއަށް ހިފައިގެން އުޅުނު ކަމުގައި ވާނަމަ 15000 ރުފިޔާގެ މަގުން ތިން މަސް ދުވަހަށް ވާވަރަށް އެފަރާތްތަކަށް ވާނީ ހަމަޖައްސާދީފައި. ބައެއް ފަރާތްތަކަށް ކުއްޔަށް ތިން މަސް ދުވަހަށް 75000 ރުފިޔާ ވެސް ވާނީ ބައެއް އާއިލާތަކަށް ޖަމާކޮށްދީފައި. މީގެ ދެހަފްތާގެ ކުރިން އެ ފައިސާ ޖަމާކޮށްދީފައި ބެލީ ނޮވެމްބަރު މަސް ފެށުމުގެ ކުރިން ބައެއް ތަންތަން ހޯދައިގެން ބަދަލުވެސް ވެއްޖެ. އެގޮތުން 4 އާއިލާއެއް މިހާރު ވެސް ތަންތަން ކުއްޔަށް ހޯދައިގެން ބަދަލުވެއްޖެ،"ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން
ހިސާން ވިދާޅުވީ ފަސް މީހުންގެ އާއިލާއަކަށް ހާދިސާގެ ދުވަހުން ފެށިގެން އޮކްޓޯބަރުގެ ނިޔަލަށް 40000 ރުފިޔާ ކެއިން ބުއިމަށް ޑިޒާސްޓާއިން ހަމަޖައްސާދީފައި ވާނެ ކަމަށެވެ. އަދި ކުއްޔަށްވާ ފައިސާ އެކު މި ބައިވެސް ވާނީ އެފަރާތްތަކަށް މިހާރު ލިބިފައި ކަމަށް ހިސާން ވިދާޅުވިއެވެ.