މި އަހަރުގެ ފުރަތަމަ 6 މަހު ވަގަށް ނެގި ސައިކަލްތަކުގެ އަގު 21 މިލިއަން ރުފިޔާއަށް އަރާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 401 ސައިކަލު ވަގަށް ނަގައިގެން ފުލުހުންނަށް ވަނީ މައްސަލަ ހުށަހަޅާފައެވެ. އަދި މީގެ ތެރެއިން 264 ސައިކަލު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
ސައިކަލު ވަގަށް ނަގައިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާތީ، މިކަން ހައްލުކުރުމަށް ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ކުރި ސަރވޭއަކުން ދައްކާގޮތުން 38 ޕަސެންޓް މީހުންގެ ސައިކަލަކީ އިންސްޓޯލްމެންޓަށް ނަގާފައިވާ ސައިކަލުތަކެވެ. އަދި 90 ޕަސެންޓް މީހުންގެ ސައިކަލްގައި އެލާމް ސިސްޓަމް ހަރުކޮށްފައި ނެތްކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ސައިކަލު ޕާކު ކުރުމުގައި، ޕާކުކޮށްފައިވަނީ ރައްކާތެރި ތަނެއްގައިތޯ އާއި، ސައިކަލުގެ ޝަޓަރލޮކް ކުރައްވާތޯ ބެލިބެލުމުން 35 ޕަސެންޓް މީހުން މިކަންކަމަށް ސަމާލުކަން ދީފައިނުވާކަމަށް ފުލުހުން ބުނެއެވެ. އަދި ސައިކަލުގެ ރައްކާތެރިކަމަށް ދޭންވާ އަހަންމިއްޔަތުކަން ގިނަ ބަޔަކު ދީފައި ނުވާކަން ވެސް މި ސަރވޭއިން ފާހަގަވި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މާލެ ހިމެނޭ ސަރަހައްދުން ސައިކަލު ވަގަށް ނަގާފައިވާ ގޮތަށްބަލާއިރު މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 401 ސައިކަލު ވަގަށް ނެގިކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ. އޭގެތެރެއިން މިހާތަނަށް ފެނިފައިވަނީ 264 ސައިކަލެވެ. ގެއްލިގެން ހުށަހަޅާފައިވާ ސައިކަލުތަކުގެ އަގަށް ބަލާއިރު ގާތްގަނޑަކަށް 21,796,400 (އެކާވިސް މިލިއަން ހަތް ސަތޭކަ ނުވަދިހަ ހަ ހާސް ހަތަރު ސަތޭކަ) ރުފިޔާ އަށް އަރައެވެ.
ފުލުހުން ބުނީ އުޅަނދުގެ ވެރިފަރާތުން ނުވަތަ އެ އުޅަނދެއް ދުއްވާ ފަރާތަކުން ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަންތައްތަކެއް އެބަހުރިކަމަށާއި، ވައްކަން ކުރާ ފަރާތްތަކުގެ ކިބައިން އުޅަނދު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، ސައިކަލު ޕާކު ކުރާއިރު އެކަހެރި ތަންތަނުގައި ޕާކު ނުކުރުމަށާއި، ހުންގާނު ތަޅުލާފައި ބެހެއްޓުމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އަދި ޝަޓަރ ލޮކް ކުރުމާއި، ތަޅުދަނޑިއަށް ރައްކާތެރިވުމާއި، ސައިކަލު ޕާކު ކުރުމަށްފަހު ތަޅުދަނޑި ނެގުނުތޯ ޔަގީންކުރުމަކީ މިފަދަ ކަމަކުން ސަލާމަތްވުމަށް މުހިންމު ކަންތައްތައް ކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން ސައިކަލުގައި އެލާމް ސިސްޓަމް ހަރުކުރުމާއި ސީސީޓީވީ ކެމެރާ ހުންނަ ސަރަހައްދު ތަކުގައި ޕާކު ކުރުމަށް ސަމާލުކަން ދިނުމުގެ އިތުރުން ސައިކަލު ފުލް ކަވަރޭޖު އިންޝުއަރެންސް ކުރުމަކީވެސް މިއަދު ސަމާލުކަން ދިނުން މުހިންމު ކަމެއްކަމަށް ފުލުހުން ބުނެއެވެ.
އަދި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ހުއްޓުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ފަރުދީ ގޮތުން ކުރެވިދާނެކަންކަމަށް ސަމާލުކަން ދެއްވުމަށާއި ސައިކަލެއް ވަގަށް ނަގާ މަންޒަރު ފެނިއްޖެނަމަ ނުވަތަ ސައިކަލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ ލަސްނުކުރައްވާ ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.