ސަރުކާރުގެ ވަރަށް އިސްބޭފުޅެއްގެ އާއިލީ ބޭފުޅަކު ނަރުހަކަށް ހުންނަވާ ވޯޑެއްގެ ނަރުހުންނަށް ފުލޫ ވެކްސިން ޖެހުމަށްފަހު އެހެން ވޯޑް ތަކުގެ ނަރުހުންނަށް ވެކްސިން ނުދިނުމުގެ ސަބަބުން އެވޯޑްތަކުގެ ނަރުހުން ނުރުހުންވެ މައްސަލަ ހޫނުވެއްޖެއެވެ.
ރާއްޖެ އެމްވީއަށް އެކަން ހިއްސާކުރި އައިޖީއެމްއެޗްގެ ބައެއް ނަރުހުން ބުނީ ފުލޫ ވެކްސިންއަކީ މިހާރު މިއުޅޭ ރޯގާ ޖެހިފައި ތިބޭ މީހުންނަށް ފަރުވާ ދިނުމުގައި ޚާއްޞަކޮށް އުޅޭ ނަރުހުންނަށް ޖެހުމަށް ގެނައި ވެކްސިނެއް ކަމަށެވެ. އެގޮތުން ވެކްސިން ދޭން އިސްކަން ދީފައިވާ ބަޔަކީ އީއާރު، އައިސީޔޫ އަދި ފްލޫ ކްލިނިކްގައި އުޅޭ ނަރުހުންނަށް ކަމަށެވެ.
ނަމަވެސް އެވެކްސިން ކަމާނުބެހޭ ވޯޑެއްގައި މަސައްކަތް ކުރާ ނަރުހުންނަށް ޖެހުމަށް ފަހު އެހެން ވޯޑް ތަކުގެ ނަރުހުންނަށް އެވެކްސިން ދީފައި ނުވާތީ އެނަރުހުން ކަންބޮޑުވެ ނުރުހުން ފާޅުކުރަމުންދާ ކަމަށެވެ.
އެމީހުން ބުނީ ނަރުހުންނަށް ވެކްސިން ދިން ވޯޑަކީ އެއްވެސް ވަރަކަށް މިއުޅޭ ރޯގާޖެހިގެން އަންނަ މީހުންނަށް ފަރުވާ ދިނުމާ ގުޅުންހުރި ވޯޑެއްވެސް ނޫން ކަމަށެވެ. ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެވޯޑަކީ ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެއްގެ އާއިލީ ބޭފުޅަކު ނަރުހަކަށް އުޅުއްވާ ވޯޑެކެވެ. އަދި އެވޯޑްގެ ނަރުހުންނަށް ވެކްސިން ދިނުމުގެ ކަންކަންވެސް ކުރީ އެނަރުސް ވާހަކަ ދައްކައިގެން ކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް ވަނީ އެނގިފައެވެ.
ފްލޫ ވެކްސިންއަކީ ރާއްޖޭގައި ހުރީ ވަރަށް މަދުން ކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބު ވެފައެއް ނުވެއެވެ.