Advertisement
ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 20:51
ހޯމަ ދުވަހުގެ ހެނދުނު އެޗްޕީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ހޯމަ ދުވަހުގެ ހެނދުނު އެޗްޕީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެ އެމްވީ
އެޗްވަންއެންވަން ފެތުރުން
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
ހެނދުނު ބުނީ ކަންބޮޑުވާންވީ ކަމެއް ނެތް ކަމަށް
ރޭގަނޑު ބުނީ ވަރަސް ސީރިއަސް ކަމަށް، ތްރެޓް ލެވަލް ތިނެއް
މައުލޫމާތު ސިއްރުކުރީ ހާމަކުރަން ނުފެންނާތީ

ބަލިވުމަކީ އިންސާނާގެ ތޮބީއަތުގައި ހިމެނޭ ކަމެކެވެ. ބަލިތައް ފެތުރި، ބަލިތައް ޖެހުމަކީ ދުނިޔެ ހިނގަމުން އަންނަ ބަދަލުވުމެއް ނެތް އުސޫލެކެވެ. އިންސާނުންނަށް އޮންނަނީ، ބަލިތަކުން ރައްކާތެރިވުމަށް ކުރެވެން އޮންނަހާ މަސައްކަތެއް ކުރުމެވެ. ބަލިތަކުން ރައްކާތެރިވުމަށް، ތިމާ ދިރިއުޅޭ މާހައުލުގައި އެ ބައްޔެއް ފެތުރެމުން އަންނަކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.

 

ނޭނގި ހިނގާ ކަމަކަށް ރައްކާތެރިވުމަށް ފިޔަވަޅު ނޭޅޭނެކަމީ އަޅުގަނޑުމެން އެންމެން ދަންނަ ހަގީގަތަކަށްވާއިރު، ބަލި ފެތުރެމުންދާކަން އެނގުމަކީ ސީދާ އެ ބައްޔަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އެކަށީގެންވާ ވަގުތު ލިބޭނެ ކަމެކެވެ. މި ބީދައިން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ އެޗްވަންއެންވަން މިވަނީ އަޅުގަނޑުމެންގެ ރާއްޖެއާ ހިސާބަށް ވެސް އައިސްފަ އެވެ.

 

ދަތުރުފަތުރުގެ ވިއުގައަކުން ގުޅިލާމެހިފައިވާ ދުނިޔެއެއްގައި އަޅުގަނޑުމެން ދިރިއުޅޭއިރު، ބޯޑަރުތައް ހުރަސްކޮށް ބަލިތައް ވެސް ދަތުރުކުރާނެ ކަމީ އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރާ ހަގީގަތެކެވެ. ނަމަވެސް، ބަލިތައް ރާއްޖެއާ ހަމައަށް އައުމުން އެކަން ސިއްރު ކުރުމަކީ ރައްޔިތުންގެ ހައްގުގައި ވެވޭ ބޮޑު ބޭއިންސާފެކެވެ. ބައްޔެއް ފެތުރެމުންދާނަމަ، އެ ބައްޔަކާ ގުޅޭ މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ހަމަ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެކެވެ.

 

ސްވައިން ފްލޫއާގެ ޚަބަރުތައް މީޑިއާތަކުން ރިޕޯޓްކުރަން ފެށުމާއެކު ހޯމަ ދުވަހުގެ ހެނދުނު ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ސްވައިން ފްލޫ ނޫޅޭ ކަމަށެވެ. އެއީ އާދައިގެ ރޯގާއެއް ކަމަށާއި ނުރައްކާތެރި ހާލަތަކަށް ނުދާ ކަމަށެވެ. ރައްޔިތުން ބިރުގަންނަންޖެހޭ ހާލަތަކަށް ވެސް ނުދާ ކަމަށެވެ. ސްކޫލްތައް ބަންދުކުރަންޖެހޭ ހާލަތަށް ނުދާ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ގޭގައި ތިބުމަށް އިލްތިމާސްކުރި އެވެ. ތްރެޓް ލެވަލްއާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ދިނީ "ރަކި" ޖަވާބެކެވެ.

 

އެއިރު 27 މީހެއްގެ ގައިން ބަލި ވަނީ ފެނިފަ އެވެ. އެއަށް ފަހު ރޭގަނޑު ޕްރެސް ކޮންފަރެންސް ބޭއްވި އިރު، 51 މީހެއްގެ ގައިން ބަލި ފެނިއްޖެ އެވެ. މާބަނޑު އަންހެނަކަށް ބަލި ޖެހި ހާލު ސީރިއަސް ވެއްޖެ އެވެ. ބަލިޖެހިފައިވާ ޒުވާނެއް މަރުވި ކަމަށް ވެސް ބުނީ އެވެ.  ތްރެޓް ލެވަލް ތިނެއް ކަމަށް ބުނެ ސްކޫލްތައް ބަންދުކުރީ އެވެ. ސިއްރުކުރަން އުޅުނު ކަންތައް ފަޅާއަރާ، އެންމެ ފަހުން ނުރައްކާ އިއުލާނުކުރީ އެވެ.

 

މި ބަލި އިންތިހާއަށް ފެތުރި، ރައްޔިތުން ވާނުވާ ނޭނގިގެން އުޅެން ފެށިއިރު، އެ ވާހަކަތައް ރިޕޯޓްކުރި މީޑިއާތައް ގޯސްވީ އެވެ. ނަމަވެސް، ހަމަ އެންމެ ފަހުން ކަނޑުވުމުން އެއްބަސްވާން މަޖުބޫރުވީ އެވެ. ކަންކަން އޮޅުވާލަން އުޅުނަސް ހައްދެއް އޮންނަން ވާނެ އެވެ. ސިޔާސީ ގޮތުން ކުރާ ސިޔާސީ ކަންކަން އޮޅުވާލިޔަސް، ރައްޔިތުންގެ ސިއްހަތާ ގުޅުން ހުރި ކަންކަން އޮޅުވާލުމުގެ ހައްގެއް ސަރުކާރަކަށް ވެސް ހޮސްޕިޓަލަކަށް ވެސް ޑޮކްޓަރަކަށްވެސް ނޯންނާނެ އެވެ.

 

ދިވެހި ދައުލަތަށް ކެރިކުޅަދާނަ ވެގެންވާ މިންވަރަކުން ބޭސްފަރުވާގެ ޚިދުމަތް އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ގާނޫނު އަސާސީން ސަރުކާރަށް ލާޒިމްކުރާ ކަމެކެވެ. މިފަދަ ކަންކަން އޮޅުވާލައި، ސިއްރުކުރުމުން ހާމަވަނީ ރައްޔިތުންނާ ދޭތެރޭ ހަމަ ކުޑަނަމަވެސް ވިސްނުމެއް ނެތް ކަމެވެ.

 

މިކަން އެންމެ ރަނގަޅަށް ހާމަވެގެންދަނީ ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޑރ. ޝީޒާ އަލީގެ ވާހަކައިންނެވެ. ޝީޒާ ވިދާޅުވީ އެޗްވަންއެންވަންގެ ވާހަކަ ރައްޔިތުންނަށް ހާމަނުކުރީ އެއީ އެވަގުތު މުހިންމު ކަމެއް ކަމަށް ނުފެނުމުން ކަމަށެވެ.

 

މިއީ ދިވެހި ރައްޔިތުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް މަތިކޮށްފައިވާ މިނިސްޓްރީގެ އިސްވެރިއެއް ވިދާޅުވި ބަސްފުޅެކެވެ. ހުމެއް ނުވަތަ ރޯގާ އެއް އިންތިހާ އަށް ފެތުރޭނަމަ އެކަމެއް އެނގުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެކެވެ. މައުލޫމާތު ހިފަހެއްޓިޔަސް، މިއީ އިންތިހާ އެވެ. ކަންކަން ދޮގު ކުރިޔަަސް މިއީ ހައްދު ފަހަނަ އަޅައި ދިއުމެވެ. ދޮގު ހެދިޔަސް، މަކަރު ހެދިޔަސް ހައްދެއް އޮންނަން ވާނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
14 މާރޗް 2017 | އަންގާރަ 16:49
ކައްކަކާކޯ
މިއީ އޮޅުވާލުމާ މަކަރުހެދުމާ ވައްކަންކުރުން ހައްދުފަހަނައަޅާފައިވާ ސަރުކާރެއް