ހދ. ނޮޅިވަރަމްއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކުނި މެނޭޖްކުރުމުގެ މައްސަލަ ކަމަށާއި، ހައްލު ލިބޭނެ ކަމުގެ އުންމީދު ކުޑަ ކަމަށް ކައުންސިލުން ބުނެފިއެވެ.
ނޮޅިވަރަމްގެ ކައުންސިލް މެމްބަރު އިބްރާހިމް ނަސީރު ވިދާޅުވީ ރަނގަޅު ގޮތުގައި ކުނިމެނޭޖް ނުކުރެވޭތާ ގިނަ ޒަމާންތަކެއް ފާއިތުވެގެން ގޮސްފައިވާ ކަމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މިމައްސަލަ ހައްލުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އަދި މިހާރު މިސަރުކާރުގެ ސަމާލުކަމަށް މިމައްސަލަ ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށާއި، ކުނީގެ މައްސަލަ ހައްލެއް ލިބޭނެކަމާމެދު އުންމީދު ކުޑަ ކަމަށް ނަސީރު ވިދާޅުވިއެވެ.
މީގެ ކުރިން އެރަށު ރައްޔިތުން ކުނި އުކަމުން އައީ ރަށުގެ އެތަންމިތަނައްކަން ފާހަގަކުރައްވައި ނަސީރު ވިދާޅުވީ ކައުންސިލްގެ މަސައްކަތުން މިހާރު ރަށުގެ ދެފަރާތުގައި 500 އަކަފޫޓުގެ ބިމެއް ކުނިއެޅުމަށް ޚާއްސަކޮށްފައިވާ ކަމަށެވެ. ކުނިކޮށިތައް ފުރެން ކައިރިވެފައިވާއިރު، އެރަނގަޅުގޮތުގައި ނައްތާލެވޭނެ އެއްވެސް ނިޒާމެއް ނެތް ކަމަށް ނަސީރު ވިދާޅުވިއެވެ.
ކުނިކޮށީގެ ވަސް ރަށުތެރެއަށް ފެތުރި ސިއްހީގޮތުން ނޭދެވޭ އަސަރުކުރާކަން ފާހަގަކުރައްވައި ނަސީރު ވިދާޅުވީ އެންމެ ފަހުން ކުނިކޮށި ފުރުމުން ވެސް ރައްޔިތުންގެ މާލިއްޔަތުން ހަރަދުކޮށްގެން ކުޅުދުއްފުށިން އެކްސްކަވޭޓަރާއި އިތުރު ސާމާނުތައް ގެނެސްގެން ކުނިތައް ބޭރުކޮށް، ނައްތާލެވެންހުރި ކުނިތައް ނައްތާލީ ކަމަށެވެ.
ނަސީރު ވިދާޅުވީ ކުނީގެ މައްސަލައަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެއް ކަމަށާއި، އުއްމީދުކުރަނީ ސަރުކާރުން ވީ އެންމެ އަވަހަކަށް ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.