ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް އިތުރަށް ރާއްޖޭގައި ފެތުރިގެން ނުދާނެ ކަމާއި، އަދި ފެތުރުމުގެ ނުރައްކާ ނެތްކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
"ނެޝަނަލް ކޮންފަރެންސް އޮން ރީވަޓަލައިޒިންގ ޕަބްލިކް ހެލްތު: ވޯކިންގ ޓުގެދަރ ފޯރ އަ ހެލްދިއަރ ނޭޝަން"ގެ ނަމުގައި ބާއްވާ މިމަހާސިންތާއާ ބެހޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ވަކި ބައްޔެއް ފެތުރުމުގެ ބިރެއް ނެތް ކަމަށާއި، ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް އާންމުނުވާ ކަމަށެވެ.
އަދި ބަލި ފެތުރުމުގައި ނުރައްކަލެއް ނެތް ނަމަވެސް ރައްކާތެރިވުމުގެ މުހިންމު މަސައްކަތްތައް ކުރަންޖެހުން އެއީ މުހިންމު ކަމެއް ކަމަށާއި، ނައްތާލެވިފައިވާ ބަލިތައް ނައްތާލުމަށްފަހުގައި އެބަލިތައް މޮނިޓަރ ކުރަމުން އަންނަ ކަމަށެވެ.
އެހެންވީމަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ހެލްތް މިނިސްޓްރީއާ ސިއްހީ ދާއިރާއަށް ކަށަވަރުކަން އެބައޮތް ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް އިތުރަށް ރާއްޖޭގައި ފެތުރިގެން ނުދާ ކަމާއި، އަދި ފެތުރުމުގެ ނުރައްކާ އެމިންވަރަށް ނެތްކަން. އެހެން ނަމަވެސް މިއަދު ރާއްޖެއާ ދުނިޔޭގެ އެހެންގައުމުތަކުން ހާލަތު އޮތް ގޮތުން އަޅުގަނޑުމެން އެބަޖެހޭ އާންމު ސިއްހަތުގައި އިތުރަށް މަސައްކަތްތައް ކުރަން. އާންމު ސިއްހަތަށް މަސައްކަތް ކުރުމަކީ މިގޮތުން ނައްތާލެވިފައިވާ ބަލިތަކާއި އަދި ނައްތާލަންޖެހޭ ބަލިތަކާއި އަދި ގައިން ގަޔަށް ނާރާ ބަލިތަކާ ދޭތެރޭގައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
މިނިސްޓަރު އަމީން ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ނައްތާލުމަށް ރާއްޖެއިން ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ ނައްތާލެވިފައިވާ ބަލިތައް ނައްތާލެވިފައި ހުރިގޮތުގައި ކުރިއަށް ދެވޭނެ ގޮތްތަކަށް އުސޫލުތައް ބައްޓަން ކުރުމަށް ކަމަށް އަމީން ވިދާޅުވިއެވެ.
ދުނިޔޭގެ ހުރިހާ ގައުމެއްގައި އެއްގައުމުން އަނެއް ގައުމަށް މީހުން ދަތުރު ކުރުން އާންމުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ ހިޖުރަ ކުރާ މީހުންގެ ސަބަބުން ނައްތާލެވިފައިވާ ބަލިތައް އަލުން ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މިއީ ހުރިހާ ގައުމަކަށް ކުރިމަތިވަމުން އަންނަ މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.