ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ޢ.ޢ.ވ)، ހެންވޭރު އާމުލީގެ ޢަބްދުﷲ ޞާދިޤަށާއި ހެންވޭރު ހިކަރި އަޙްމަދު އާދަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވައިފިއެވެ. މި ދެބޭފުޅުންނަށް ޢިއްޒަތް އެރުވުން އޮތީ ޤައުމީ ދުވަހުގެ މުނާޞަބަތުގައި މިރޭ ދަރުބާރު ގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ނިޝާނުގެ ޢިއްޒަތަކީ އެމީހެއްގެ ޤައުމީ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން ނުވަތަ ބައިނަލްޢަޤްވާމީ ޚިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ ޢިއްޒަތެކެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) ނިސްބަތްކުރެވެނީ އައްޞުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އެރުވި ޢަބްދުﷲ ޞާދިޤަކީ، ސަރުކާރަށް 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ދިވެހިބަހުގެ އެކެޑަމީގެ ޚާއްޞަ މުޝީރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. މުލަކަތޮޅު މުއްޔަށް އުފަން އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރު ނަމުންނަމަ ސޯދުބެއަކީ ސަރުކާރުގެ ޚިދުމަތުގެ އިތުރުން ދިވެހި އަދަބިއްޔާތަށާއި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަގުނުކުރެވޭފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އެރުވުނު އަޙްމަދު އާދަމަކީ ރާއްޖޭގެ މިޒަމާނުގެ ތަރައްޤީއާއި ކުރިއެރުމުގައި އާދަޔާޚިލާފު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި އަދި އެބޭފުޅެއްގެ މަސައްކަތްޕުޅުތައް މިއަދުވެސް ވަރަށް ގާތުން ފެންނަ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 1 ފެބުރުވަރީ 1959 ގައި [މޯލްޑިވްސް ސްޓާރ]ގެ އެޕްރެންޓިސް އިންޖިނިއަރގެ މަޤާމުންނެވެ. ރާއްޖޭގެ ނިސްބަތުން ބަލާއިރު، އެ ދުވަސްވަރަކީ އިންޖިނިއަރިންގގެ ރޮނގުން ކުރިއަށް ވަޑައިގެންފައިވާ ބޭފުޅުން ވަރަށްމަދު ދުވަސްވަރެއްކަމުން، އަޙްމަދު އާދަމް ފާހަގަކުރެވިފައިވަނީ، ޤައުމީ ޚިދުމަތުގައި ރެޔާއިދުވާލު ވަރުބަލިފުޅުވުމެއްނެތި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
އޭގެއިތުރުން މި ޖަލްސާގައި ވަނީ އަވަހާރަވެފައިވާ ދީނީ ދެ އިލްމުވެރިން ކަމަށްވާ ޑރ އަފްރާޝީމް އާއި ޑރ ޢަބްދުލް މަޖީދު އަބްދުލްބާރީގެ ހަނދާނުގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވައިފިއެވެ. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޑރ. އަފްރާޝީމަށް ލިބުނު އިރު އެ އިނާމާއި ޙަވާލުވެވަޑައިގަތީ އެއްބަނޑު އެއްބަފާ ބޭބޭފޫޅު އަބްދުލްނާސިރު ޢަލީ އެވެ. އަދި ޑރ. އަބްދުލް މަޖީދުގެ އިނާމާއި ޙަވާލުވީ ދަރިކަލުން މުޢާޒު އަބްދުލްމަޖީދެވެ.
ޑރ. އަފްރާޝީމާއި ޑރ. ޢަބްދުލް މަޖީދުގެ އިތުރުން ތިން ބޭފުޅަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތެވެ. އެ ތިން ބޭފުޅުންގެ ތެރޭގައި މ. މަޑުލު މުޙައްމަދު ވަހީދާއި، ކުޅިވަރުގެ ދާއިރާއިން ސައްޔިދު އަލީ އަދި އަލްމަރްހޫމް ސައްޔިދު ހުސައިން ހިމެނިވަޑައިގަންނަވައެވެ.
2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުގެ ރޭ ޑރ އަފްރާޝީމް އަވަހާރަކޮށްލިއިރު އެބޭފުޅާއަކީ ދީނީ ޢިލްމުވެރިކަން އުނގަންނަވައިދެއްވުމުގެ އިތުރުން ޖޭއެއްސީގެ މެންބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު އަވަހާރަވި އަބްދުލް މަޖީދަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅެއްގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ ކަންވެސް ދިގު މުއްދަތަކަށް ކުރެއްވި ބޭފުޅެކެވެ.